މި ހިނގާ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 5.6 އިންސައްތަ އިތުރުވެ، ޖުމްލަ 1.2 ބިލިއަން ޑޮލަރަށް އަރައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޢާންމުކޮށްފައިވާ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމުނު އަހަރުގެ މި މުއްދަތުގައި ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ޑޮލަރެވެ. މިއަހަރު ލިބުނު ބޭރު ފައިސާގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ.

އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި މިއަހަރު 923 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރު ލިބުނު 853 މިލިއަން ޑޮލަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ ކުރިއެރުމެކެވެ. ޑޮލަރުން ބަލައިގަތް ޓެކްސް އާމްދަނީގެ އެންމެ ބޮޑުބައެއް ޙިއްޞާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ (ޓީޖީއެސްޓީ) އެވެ. ޓީޖީއެސްޓީގެ ގޮތުގައި 571 މިލިއަން ޑޮލަރު ލިބިފައިވާއިރު، އާމްދަނީން ނަގާ ޓެކުހުގެ (އިންކަމް ޓެކްސް) ގޮތުގައި 138 މިލިއަން ޑޮލަރު އަދި ގްރީން ޓެކުހުގެ ގޮތުގައި 114 މިލިއަން ޑޮލަރު ދައުލަތަށް ވަނީ ބަލައިގެންފައެވެ.

އިޝްތިހާރު އިޝްތިހާރު

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 277 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 284 މިލިއަން ރުފިޔާއަށްވުރެ ކުޑަ ދަށްވުމެކެވެ.

މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހި ރުފިޔާއާއި ބޭރު ފައިސާ އެއްކޮށް މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ދައުލަތަށް ޖުމްލަ 27 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދެ ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.