ގަލްފްގެ ގައުމުތަކުގެ އެންމެ ޒަމާނީ ޔުނިފައިޑް އަސްކަރީ ކޮމާންޑް ހެޑްކުއާޓަރު، ކުވައިތުގައި ގާއިމްކުރުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލުން ފާސްކޮށްފިއެވެ.
މިކަން ފާސްކޮށްފައިވަނީ ބަހްރެއިންގެ މަނާމާގައި ބޭއްވި ޖީސީސީގެ ޖޮއިންޓް ޑިފެންސް ކައުންސިލްގެ ބައްދަލުވުމުގައެވެ. އަދި މިކަން އިއުލާން ކުރެއްވީ ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުހައްމަދު އަލްބުދައިވީއެވެ.
ގަލްފްގެ ގައުމުތަކުގެ ޔުނިފައިޑް އަސްކަރީ ކޮމާންޑް ހެޑްކުއާޓަރު، ކުވައިތުގައި ގާއިމްކުރުމަށް ޖީސީސީގެ ޑިފެންސް މިނިސްޓަރުން މި ނިންމެވީ، ޖީސީސީގައި ހިމެނޭ ގައުމުތަކުގެ އެންމެ އިސް ވެރިން އެކަމަށް އިރުޝާދު ދެއްވައިގެންނެވެ.
މިއީ، ޖީސީސީގެ ގައުމުތަކަށް އަމާޒުވާ އިންޒާރުތަކާއި އަދި ގައުމުތަކުގެ އިސްތިގްލާލަށް ކުރިމަތިވާ ނުރައްކާތަކުން ދިފާއުވުމަށް ގުޅިގެން މަސައްކަތް ކުރުމާއި، ދިފާއު ހވަރުގަދަކުރުމަށް ގާއިމްކުރެވޭ ހެޑްކުއާޓަރެކެވެ.
މަނާމާ ބައްދަލުވުމުގައި ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ 6 ގައުމުގެ ދިފާއީ ވަޒީރުން ބައިވެރިވެވަޑައި ގެންނެވިއެވެ. ޖީސީސީގައި ހިމެނޭ ގައުމުތަކަކީ؛ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވައިތު، ގަތަރު، ބަހްރެއިން އަދި އުމާނެވެ.
ޔުނިފައިޑް އަސްކަރީ ކޮމާންޑް ހެޑްކުއާޓަރު ކުވައިތުގައި ގާއިމްކުރަން ނިންމިއިރު، މެމްބަރު ގައުމުތަކުން ކަނޑައެޅޭ ވަކި އަދަދެއްގެ ސިފައިންވެސް އެ ތަނުގައި މަރުކަޒު ކުރުމަށް ދިފާއީ ވަޒީރުން ނިންމާފައި ވެއެވެ.
ދިފާއީ ކޮމާންޑްގެ ހެޑްކުއާޓަރު ކުވައިތުގައި ގާއިމްކުރާނީ ކޮން އިރަކުކަމެއް އަދި އެތަނުގައި ގާއިމްކުރާނީ ކިހާ ސިފައިންނެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ގަލްފްގެ ގައުމުތައް ބޭނުން ކޮށްފައިވާތީ އީރާނުންވަނީ ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އަސްކަރީ އެހެން ތަންތަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތައް ދީފައެވެ.
އީރާނުގެ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ ގިނަ ބޭސްތައް މުޅިން ހަލާކުވެފައި ވާއިރު، އެމެރިކާ ސިފައިންނަށާއި، އެމީހުންގެ އަސްކަރީ ހަތިޔާރަށްވެސް އީރާނުން ބޮޑެތި އެތައް ގެއްލުމެއް ދިފައި ވެއެވެ.
އީރާނުގެ ހަމަލާތައް ހުއްޓުވަން ގަލްފްގެ ގައުމުތަކުން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވެފައެއް ނުވެއެވެ.
އީރާނުން ދާދިފަހުން އިންޒާރު ކޮށްފައިވަނީ، ގަލްފްގެ ގައުމުތަކުގެ ސަރަހައްދުތަކުގެ ބޭނުންކޮށްގެން އެމެރިކާއިން އީރާނަށް އަލުން ހަމަލާދީފިނަމަ އީރާނުގެ ރައްދު ހަމަލާތައް ސަރަހައްދުގެ ގައުމުތަކުގެ އެހެން ދިމަދިމާއަށް ފުޅާކުރާނޭ ކަމަށެވެ.
ޖީސީސީ ޔުނިފައިޑް އަސްކަރީ ކޮމާންޑް ހެޑްކުއާޓަރު، ކުވައިތުގައި ގާއިމްކުރަން ނިންމައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.