ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ހިލަ ޕާކިސްތާނުން އެތެރެކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ "އަހާ" ފޯރަމުގައި ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ވަޒީރު ވިދާޅުވީ، ރަށްގިރުމާއި މޫސުމީ ބަދަލުތަކުން ރަށްތައް ޙިމާޔަތްކުރުމަށް ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ހިލަ ހޯދުމުގައި މިހާރު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން، ޢާންމުކޮށް ހިލަ އެތެރެކުރާ އިންޑިއާއިން ހިލަ ލިބުން ހުއްޓިފައިވާއިރު، ޔުނައިޓެޑް ޢަރަބް އެމިރޓްސް (ޔޫއޭއީ) އިން ހިލަ ގެނައުމުގައިވެސް ބޮޑެތި ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

އިންޑިއާއިން ހިލަ ގެނައުމަށް ހުރަސްއެޅުނީ އެ ޤައުމުގެ ޓެމިލްނާޑޫ ސްޓޭޓް ސަރުކާރުން ބޭރު ޤައުމުތަކަށް ހިލަ ބޭރުކުރުން މަނާކުރުމާ ގުޅިގެންނެވެ. އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ބެލެވުނު ނަމަވެސް، އަނެއްކާވެސް އެ މުއްދަތު އިތުރު ދެ މަސްދުވަހަށް ވަނީ ދަންމާލާފައެވެ. އަނެއްކޮޅުން، ޔޫއޭއީގައި ހިލަ ބަރުކުރާ މައި ބަނދަރުން އަންނަ ބޯޓުފަހަރު ދަތުރުކުރަންޖެހެނީ މިވަގުތު ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކޮށްފައި އޮތް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ކަމަށްވާތީ، އެ މަގުން ހިލަ ގެނައުމަށްވެސް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ދަތިތަކަށް އަވަސް ޙައްލެއް ހޯއްދެވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ އެ ޤައުމުން ރާއްޖެއަށް ހިލަ އެތެރެކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި މިހާރު ދަނީ ޕާކިސްތާނު ސަރުކާރާ ގުޅިގެން ރާއްޖެއަށް ހިލަ އެތެރެކުރުމުގެ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށާއި، ކަރާޗީއާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ އަދި ކަނޑުގެ މަގުން ދަތުރުފަތުރުގެ ވަރުގަދަ ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ އެއްބަސްވެވިފައެވެ.