މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ހަމައެކަނި ރަސްމާލެ މަޝްރޫޢުން ދައުލަތަށް ހޯދޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މުހިންމު މަޝްރޫޢެއް ކަމަށެވެ. އެގޮތުން، ކުރީގެ ސަރުކާރުތަކުން ފަޅުތަކާއި ރަށްތައް ދޫކުރުމުގައި ދުރު ރާސްތާއަށް ނުވިސްނައި، ކުޑަ އަގަކަށް ދޫކޮށްލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން، މާލެ ކައިރީގައި އޮތް ބޮޑު ރައުސުލްމާލެއް ކަމަށްވާ އެނބޫދޫ ފަޅުން 700 ހެކްޓަރު، އެންމެ 40 މިލިއަން ޑޮލަރަށް ދޫކޮށްލުމުން އެކަށީގެންވާ މަންފާއެއް ދައުލަތަށް ނުލިބޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރަސްމާލޭގެ އިޤްތިޞާދީ މޮޑެލްގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ މަޝްރޫޢުގެ ދަށުން ދޫކުރާ ސަރަޙައްދުގައި 8،800 ޕްރޮޕަޓީއާއި، ގާތްގަނޑަކަށް 30،000 އެނދު ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ. އަދި މިއީ އެއްފަހަރާ ލިބޭ ފައިސާއަކަށް ބެލުމުގެ ބަދަލުގައި، ދިގު މުއްދަތަކަށް ދައުލަތަށް ބޮޑު އާމްދަނީއެއް ކަށަވަރުވާނެ ގޮތަށް ރާވާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ގާތްގަނޑަކަށް ވިއްސަކަށްހާސް ހެކްޓަރުގެ ފަޅާއި ރަށާއި އެއްކޮށް ދޫކޮށްފައި ހުރި ތަނުން މި ލިބޭ އާމްދަނީއަކީ ގާތްގަނޑަކަށް 5.4 ބިލިއަން ޑޮލަރު. އަޅުގަނޑުމެންނަށް ޓީޖީއެސްޓީގެ ގޮތުގައި މި ލިބެނީ ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުވަރު. އަޅުގަނޑުމެންނަށް އެތަނުގެ ލޭންޑް ރެންޓުގެ ގޮތުގައި މި ލިބެނީ 130 މިލިއަން ޑޮލަރު. މި ދެންނެވި 20،000 ހެކްޓަރުގެ ފަޅާއި ރަށާއި އެއާ އަޅާބަލާއިރު އަޅުގަނޑުމެންނަށް ރަސްމާލެއިން ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދަކީ 2 ބިލިއަން ޑޮލަރު ހަމައެކަނި ޓޫރިޒަމް ރެވެނިއުގެ ގޮތުގައި. ޓީޖީއެސްޓީގެ ގޮތުގައި 340 މިލިއަން ޑޮލަރު. އެހެންވީމަ ބައްލަވާލައްވާ މުޅި ޓޫރިޒަމް ސެކްޓަރއިން މި ލިބޭނެކަމަށް އަންދާޒާކުރާ އަދަދުގެ 40 އިންސައްތަ އެބަ ލިބޭ ރަސްމާލެއިން އެކަނި.
ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ރަސްމާލޭގެ ޕްރޮޕަޓީތަކުގައި ބޭރުގެ ފަރާތްތައް ވަޒަންވެރިވާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ތަންތަން ބޭނުންކުރާނީ "ހޮލިޑޭ ހޯމް" ނުވަތަ ޗުއްޓީ ހޭދަކުރާ ތަންތަނުގެ ގޮތުގައި ކަމަށެވެ. އަދި އެއްވެސް ބޭރު މީހަކަށް އެތަނުން ރަށްވެހިކަން ނުދޭނެ ކަމަށާއި، މިއީ ޤުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް ބޭނުންކޮށްގެން ދައުލަތަށް ޒަމާންތަކަކަށް ބޮޑު މަންފާއެއް ހޯދައިދޭނެ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫޢެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.