ރަސްމާލޭގައި ތަރައްޤީކުރާ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢުން ކޮންމެ ހެކްޓަރަކަށް ޓޫރިސްޓް ގަވަރމަންޓް ސަރވިސް ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 8 ގުނަ އިތުރުވާނެ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އެކި ގޮތްގޮތުން ފައިދާވާނެ މަޝްރޫޢެއް ކަމަށާއި، ޚާއްސަކޮށް، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ހުޅުވާލެވޭ ފުރުސަތަކަށް މި މަޝްރޫޢު ވެގެންދާނެ ކަމަށެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންވެސް ތަކުރާރުކޮށް އައުމަށް ބާރު އަޅާނެ މަޝްރޫޢަކަށް އެ މަޝްރޫޢު ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢު އެއްކޮށް ނިމުމުން އެތަނުގައި ތަރައްޤީކުރާ ޕްރޮޕަޓީތަކުގައި ޗުއްޓީ ހޭދަކުރުމަށް އަހަރަކު 1 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށްވެސް ވަޒީރު ލަފާކުރައްވައެވެ. ވަޒީރު ވަނީ މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުން ލިބޭ އާމްދަނީއަށްވުރެ ރަސްމާލޭގެ މަޝްރޫޢުން ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ތަފްސީލުކޮށްދެއްވާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓީޖީއެސްޓީއަކީ މިވަގުތު ރާއްޖޭގައި އެއް ދާއިރާއަކުން އެންމެ ބޮޑު އާމްދަނީއެއް ވަންނަ ދާއިރާކަން ފާހަގަކުރައްވައި ޑރ. މުއްޠަލިބު ވިދާޅުވީ ރަސްމާލޭގެ މަޝްރޫޢު ނިމުމުން އެތަނުން ޓީޖީއެސްޓީގެ ގޮތުގައި ހެކްޓަރަކަށް ލިބޭ ޓީޖީއެސްޓީ 8 ގުނަ އިތުރުވާނެ ކަމަށެވެ.
މިހާރު 500 ހެކްޓަރުގައި 3 ރިސޯޓުގެ ޖާގަ އޮންނައިރު އެ 3 ރިސޯޓުން ޓީޖީއެސްޓީގެ ގޮތުގައި އަހަރަކު ލިބޭނީ 42.5 މިލިޔަން ޑޮލަރު ކަމަށްވެއެވެ. ނަމަވެސް ރަސްމާލޭގެ 500 ހެކްޓަރުން އަހަރަކު ޓީޖީއެސްޓީގެ ގޮތުގައި 340 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް ވަޒީރު ވަނީ އަންދާޒާކުރައްވާފައެވެ.
ކޮންމެ ހެކްޓަރަކަށް ބަލާއިރު މިފަދަ މިކްސްޑް ޔޫސް ސިޓީއަކުން އާންމުކޮށް ރިސޯޓަކުން ލިބޭ ޓީޖީއެސްޓީއަށްވުރެ 8 ގުނަ އިތުރަށް ލިބޭނެ. އެއީ ހެކްޓަރަކަށް އަހަރަކު 680،000 ޑޮލަރުގެ ޓީޖީއެސްޓީ. ނަމަވެސް އެވަރުގެ ފަޅެއްގައި ތަރައްގީކުރާ ރިސޯޓަކުންވެސް ލިބޭނީ ހެކްޓަރަކަށް އަހަރަކު 85،000 ޑޮލަރު.
ޑރ. ޢަބްދުﷲ މުއްޠަލިބު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރަސްމާލެ މަޝްރޫޢުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހީނަރުކަމެއް ނާންނާނެ ކަމަށެވެ. އަދި މިއީ ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި އެ ރީތިކަން މިނިވަންކަމާއެކު ތަޖުރިބާކުރުމުގެ ފުރުސަތުގެ ބޭނުން ހިފައި، ރާއްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް މުހިންމު މަޝްރޫޢެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.