ރަސްމާލެ މަޝްރޫއުގެ ތެރެއިން ދައުލަތަށް ޓީޖީއެސްޓީ މެދުވެރިކޮށް ލިބޭ އާމްދަނީ، އާންމުކޮށް ރިސޯޓު ތަރައްގީކުރަން ދޫކުރާ ފަޅަކުން ލިބޭ ޓީޖީއެސްޓީއަށް ވުރެ 8 ގުނަ އިތުރުވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް فورމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެއިން އަހަރެއްގެ މައްޗަށް ޓީޖީއެސްޓީގެ ގޮތުގައި އެކަނިވެސް 340 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށެވެ. އެއީ ހެކްޓަރަކަށް ބަލާއިރު އަހަރަކު ގާތްގަނޑަކަށް 680,000 ޑޮލަރެވެ.
މި މަޝްރޫއު ހިންގަނީ ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ފުށިދިއްގަރުފަޅުން ހިއްކާ 500 ހެކްޓަރުގެ ބިމުގައެވެ.
އެ ބިމުގައި ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ދަށުން 8,800 ޕްރޮޕަޓީ ތަރައްގީކުރާނެއެވެ. މި ޕްރޮޕަޓީތައް ދޫކުރަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ޕްރޮޕަޓީތަކުގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް 10 އިންސައްތައިގެ އާމްދަނީއެއް ލިބޭނެއެވެ. މީގެއިތުރުން 10 އަހަރުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެޑްވާންސްގެ ގޮތުގައި 5,000 ހައުސިން ޔުނިޓުން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ދައުލަތަށް ލިބިގެންދާނެ ކަމަށް ވެސް މުއްޠަލިބު ވިދާޅުވިއެވެ.
ޓޫރިޒަމް ގާނޫނުގެ ދަށުން 99 އަހަރަށް 500 ހެކްޓަރުގެ ފަޅެއް ނުވަތަ ބިމެއް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެނީ 75 މިލިއަން ޑޮލަރާއި 316 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ. އަދި ކުލީގެ ގޮތުގައި އަހަރަކު ލިބެނީ 2 މިލިއަން ޑޮލަރެވެ.
ރަސްމާލެ މޮޑެލްގެ ސަބަބުން ދައުލަތަށް ލިބޭ ފައިދާ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން ރަސްމާލެއަށް އެކަނި އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
އެއާއެކު އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިގްތިސާދަށް ވަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފްވި ނަމަވެސް ރާއްޖޭގެ މައިގަނޑު އަސާސް ކަމަށްވާ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓްގެ ވިޔަފާރިތައް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ރަސްމާލޭގައި ފައިނޭންޝަލް އަދި ޑިޖިޓަލް ހިދުމަތްތަކުގެ އިތުރުން ސާފުކުރުމާއި މެއިންޓަނެންސް އަދި ރީޓެއިލް ފަދަ އެކި ދާއިރާތަކުން ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
މި މަޝްރޫއު ނިމުމުން އަމިއްލަ ދާއިރާއިން 15,000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ވަޒީފާތަކަށް ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަވެ، ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
2040 ވަނައަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
4 ލައްކަ މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރާއިރު ރާއްޖެއަށް އޮތް އެންމެ ރަނގަޅުގޮތަކީ ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފުން ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.
ރިއަލްއެސްޓޭޓް ޓޫރިޒަމަކީ މިހާރުވެސް ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ބާވަތެއް ކަމަށާއި އެ ދާއިރާ ކުރިއަރުވައި އިގްތިސާދު ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ އޮޅުވާލުމެއްގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި އެއްބަސްވުމުގެ ހުރިހާ ތަފުސީލެއް ހާމަކުރަންޖެހޭ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.