އަޒަރުބައިޖާނުގައި މިހާރު ކުރިއަށްދާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ފެސްޓިވަލްގައި ކުޅުނު ފުރަތަމަ މެޗުން ސައުތު އެފްރިކާ އަތުން ދިވެހިރާއްޖޭގެ 15 އަހަރުން ދަށުގެ ޤައުމީ ޓީމު ބަލިވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ކުޅުނު މި މެޗުން ރާއްޖޭގެ ޒުވާން ޓީމު ބަލިވީ 8-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން 3 ވަނަ މިނެޓުގައި ސައުތު އެފްރިކާއަށް ލީޑު ނަގައިދިނީ ކެއެނޫ މޮސެސްއެވެ. އޭގެ ފަސް މިނެޓު ފަހުން، މެޗުގެ 8 ވަނަ މިނެޓުގައި ރަޓްލަޑީ ފިންގާ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި މޮސިމާނޭ ސައުތު އެފްރިކާގެ ތިންވަނަ ގޯލު ޖެހިއިރު، އޭގެ ތިން މިނެޓު ފަހުން މަޝީޝީ ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ސައުތު އެފްރިކާ ފަސްވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ލެސިޑީ ހަލެލޭއެވެ.
އޭގެ ފަހުން މަޝީޝީ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ސައުތު އެފްރިކާގެ ހަވަނަ ގޯލު ޖަހައިދީފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މޮރެނޭ އާއި ސަލިވާއެވެ.
މި މުބާރާތުގައި ރާއްޖެއަށް ކުރިއަށް އޮތީ އާދީއްތަ ދުވަހު ކުޅޭ ދެ މެޗެކެވެ. އެގޮތުން އާދީއްތަ ދުވަހުގެ މެންދުރުފަހު ރާއްޖެ ނުކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. އަދި އެރޭ ރާއްޖެ ނުކުންނާނީ ކޮސޯވޯއާ ދެކޮޅަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.