މާދަމާ ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ދަނޑުމަތީގައި ޓީމު ލީޑު ކުރުމުގެ ޒިންމާއާއިއެކު، ޤައުމީ ޓީމުގެ ކެޕްޓަންކަން އިތުބާރު ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އާ ހަވާލުކޮށްފިއެވެ.
ރާއްޖެއިން މިފަހަރުގެ މުބާރާތާ ކުރިމަތިލަނީ ޓީމުގެ ކެޕްޓަންގެ މަގާމުގައި ހުރި ތަޖުރިބާކާރު ޑިފެންޑަރު ސަމޫޙު އަލީ (ސަމުއްޓޭ) ސްކޮޑުގައި ނުހިމަނައެވެ. ލިބުނު އަނިޔާއެއްގެ ސަބަބުން ސަމޫޙުއަށް ޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެވޭގޮތް ނުވިއެވެ.
މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންމެ ޓީމެއްގެ ވެސް ކޯޗާއި ޓީމުގެ ކެޕްޓަން ބައިވެރިވިއިރު ރާއްޖެ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީއާއިއެކު ނޫސްވެރިންގެ ބައްދަލުވުމަށް އައީ ހަމްޒާއެވެ. އެހެންކަމުން ޓީމުގެ ކެޕްޓަނަކީ ހަމްޒާތޯ އެހުމުން ކޯޗު އުރުބާނީ ވަނީ ހަމްޒާއަކީ ދަނޑުމަތީގައި ޓީމު ލީޑު ކުރާނެ ކުޅުންތެރިޔާކަން ހާމަކޮށްފައެވެ.
އެހެންނަމަވެސް އެ ޒިންމާ އޭނާއާއި ހަވާލުކުރުމަށްފަހު، އެއީ ހަމްޒާއަށް ކުރެވޭ ވަރުގެ ކަމެއްތޯ ބަލާނެކަމަށް އުރުބާނީ ބުންޏެވެ.
“ރަނގަޅު. ހަމްޒާ މަސައްކަތްކުރާނީ ދަނޑުމަތީގައި ޓީމުގެ ލީޑަރެއްގެ ގޮތުގައި. އޭގެ މާނައެއް ނޫން އެއީ ހަމްޒާ އަކީ މިހާރު ޤައުމީ ކެޕްޓަން އެކޭ. ކެޕްޓަން ކަމަކީ ވަރަށް މަސައްކަތްކޮށްގެން ހައްގުވާ ޝަރަފެއް. ހަމްޒާގެ ހުނަރުވެރިކަމާއި އޭނާ ކުރާ މަސައްކަތުން ސާބިތުވޭ އޭނަ ގައިގައި އެކަން ކުރުމުގެ ޤާބިލުކަން ހުރިކަން. އޭނައަށް ހައްގު ކަމެއްކަން އެއީ. މާދަމާގެ މެޗުގައި އަހަރެން ބަލަން ބޭނުންވަނީ އެވަރުގެ ލީޑަރަކަށް އޭނާއަށް ވެވިދާނެތޯ. މިއީ ޕްރެޝަރެއްގެ ގޮތުގައި އޭނާ ނަގައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅު. ހަމްޒާ އަކީ އެ ޕްރެޝަރު ހޭންޑަލް ކުރަން އެނގޭހާ މޮޅު ކުޅުންތެރިއެއް”. ކޯޗު އުރުބާނީ
ކޯޗުގެ ވާހަކައިން، އަފްޣާނިސްތާން މެޗަކީ ހަމްޒާއަށް ވަރަށް ޙާއްސަ މެޗަކަށް ވާނެކަން ފާހަގަކުރެވުނެވެ. އެއީ މި މެޗު ވެގެންދާނީ ހަމްޒާގެ ކިބައިގައި، ކެޕްޓަނެއްގެ ޒިންމާ އެންމެފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރިތޯ ދެނެގަތުމަށް ކޯޗު އުރުބާނީ ދޭ އިމްތިހާނަކަށް ވާތީއެވެ.
ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން އަމިއްލަ ފަސްގަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ލިބުމާ ގުޅޭގޮތުން ހަމްޒާ ވަނީ މި ބައްދަލުވުމުގައި ވާހަކަދައްކާފައެވެ.
“ޝަރަފެއް މިއީ. އެކަމަކު، އެޔަކަށް ނޫން ބަލަންވީއެއް. ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ކެޕްޓަނެއްކަމަށް ބަލައިގެން އެންމެނަށް ވެސް އެކަން ވިސްނައިދީފައި މިހާރު ހުންނާނީ. އެހެންވީމަ ކޮންމެ ކުޅުންތެރިއަކީ ވެސް ކެޕްޓަނެއް”. ހަމްޒާ
މުބާރާތަށް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑު މިހާރު ފައިނަލްކޮށްފައިވާއިރު، ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. އޭގެއިތުރުން އަލީ ފާސިރު (ސެންޓޭ) އަދި އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ފާޙަގަކޮށްލެވެއެވެ.
ޓީމުން ފުރުސަތު ލިބުނު ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޒުވާން ގައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަދި ހަމްޒާގެ ކެޕްޓަންކަމުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ނުކުންނާނީ އަފްޣާނިސްޠާނާ ދެކޮޅަށެވެ.










ކިޔުންތެރިންގެ ހިޔާލު