އޮޅުވާލައިގެން ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދައިގެން އީ-ސިމްއަށް ނަންބަރު ބަދަލުކޮށް، ބޭންކް އެކައުންޓްތަކާއި މީސްމީޑިއާ އެކައުންޓްތައް އަތުލައިގަނެގެން ހިންގާ މާލީ ތަފާތު ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުން ނެރުއްވި އިލްތިމާސްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އޮޅުވާލައިގެން ކުރާ ފޯނު ކޯލުތަކާއި މެސެޖުތައް މެދުވެރިކޮށް އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ހޯދަން މަސައްކަތްކުރާ މިންވަރު މިދިޔަ މަހު ވަނީ އިތުރުވެފައެވެ. މިގޮތުން، ޝިކާރައަކަށްވާ މީހާއަށް ގުޅައި، އެ ނަންބަރަކީ މީގެ ކުރިން ގުޅި ފަރާތުން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދުމުގެ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ.
މިފަދަ ކޯލުތަކުގައި ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ މީސްމީޑިއާ އެކައުންޓްތައް ރިކަވާ ކުރަން ބޭނުންވާ ކަމަށް ބުނެ ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދަން މަސައްކަތްކުރެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މިފަދަ ކޯޑުތައް ހިއްސާކުރުމަކީ ހަމައެކަނި ސޯޝަލް މީޑިއާ އެކައުންޓް ގެއްލުމަށްވުރެ މާ ނުރައްކާތެރި ކަމެކެވެ.
މިގޮތަށް އަތުލައިގަންނަ އޯޓީޕީ މެދުވެރިކޮށް، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު އީ-ސިމް އަކަށް ބަދަލުކޮށް، އެމީހާގެ ފޯނު ލައިން މުޅިން ކުށްކުރާ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދެއެވެ. މީގެ ސަބަބުން، ކުރިއަށް އަންނަން ހުންނަ ހުރިހާ ފޯނު ކޯލުތަކާއި ބޭންކިން އެސްއެމްއެސް އެލާޓްތައް ސީދާ ސްކޭމަރުންނަށް ލިބެން ފަށައެވެ.
އޭގެ އިތުރުން، ކޮމްޕްރޮމައިޒްވެފައިވާ މޮބައިލް ނަންބަރާއި ޒާތީ މައުލޫމާތު މެދުވެރިކޮށް ހުއްދަނެތި ޑިޖިޓަލް ވޮލެޓުތައް ހަދައި، ބޭންކު އެކައުންޓްތަކަށް ވަދެ ހުއްދަނެތި ފައިސާގެ މުއާމަލާތްތައް ހިންގަމުންދާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި މާލީ ގެއްލުންތައް ކުރިމަތިވަމުންދެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އެއްވެސް ފަރާތަކާ އޯޓީޕީ، ޕިން ނުވަތަ ވެރިފިކޭޝަން ލިންކެއް ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ގުޅި ފަރާތަކީ ނަންބަރު ކުރިން ބޭނުންކުރި މީހާ ކަމަށް ބުނި ކަމުގައި ވިޔަސް، ނުވަތަ ބޭންކަކުން ނުވަތަ ޓެލެކޮމް ކުންފުންޏަކުން ގުޅި ފަރާތެއް ކަމަށް ބުނި ކަމުގައި ވިޔަސް އެފަދަ މައުލޫމާތު ހިއްސާކޮށްގެން ނުވާނެއެވެ.
އެކައުންޓް ރިކަވާކުރުމަށް ކޯޑެއް ބޭނުންވާ ކަމަށް ބުނެ، ނޭނގޭ ނަންބަރުތަކުން ގުޅައި ކުއްލި ކަމެއްގެ ގޮތުގައި ދައްކައިގެން ކުރާ އާދޭސްތަކަށް ސަމާލުކަން ނުދިނުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ. އެކައުންޓް އަލުން ހޯދުމުގެ ރަސްމީ މަރުހަލާތަކުގައި، ކުރިން ބޭނުންކޮށްފައިވާ ފޯނު ނަންބަރެއް މިހާރު ގެންގުޅޭ ފަރާތަކާ ގުޅަން ނުޖެހޭނެކަން ފުލުހުން ހަނދާންކޮށްދެއްވައެވެ.
އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ފިޒިކަލް ސިމް ކާޑުން ނެޓްވޯކް ސިގްނަލް ގެއްލިއްޖެނަމަ، އެއީ ހުއްދައަކާ ނުލައި އީ-ސިމްއަށް ބަދަލުކޮށްފައިވާ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. އެފަދަ ހާލަތެއްގައި ލަސްނުކޮށް ވަގުތުން ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދޭ ކުންފުންޏަށް ގުޅުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޝައްކުކުރެވޭފަދަ ފޯނު ކޯލެއް ނުވަތަ މެސެޖެއް ލިބިއްޖެނަމަ، ނުވަތަ އެކައުންޓަކަށް އެހެން ފަރާތަކުން ވަދެފައިވާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް ވަގުތުން އެކަން ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ރިޕޯޓުކުރުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ. މީގެ އިތުރުން، އެކައުންޓުތައް ފްރީޒްކުރުމަށް ބޭންކަށް ގުޅުމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބާ ކްރައިމް ސެންޓަރުގެ އެހީތެރިކަން ހޯދުމަށް ފުލުހުން ވަނީ އިރުޝާދު ދެއްވާފައެވެ.
ރާއްޖޭގައި އެކި ބާވަތްތަކުގެ ސްކޭމްތައް ހިންގުން އިތުރުވަމުން އަންނައިރު، މި މަހުގެ ފުރަތަމަ ހަފުތާގައި އެކަނިވެސް 38 ސްކޭމަކުން 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ސްކޭމްގެ މައްސަލައެއްގައި ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށް، ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
Ahmed Waseem