މިދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ 67.99 އިންސައްތަ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މައްސަލަތަކުގައި ޖުމްލަ 356,163.40 ރުފިޔާ އާންމުންގެ އަތުން ވަނީ ގެއްލިފައެވެ. ނަމަވެސް ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތަކާ ގުޅިގެން ކުރި މަސައްކަތުން، އޭގެ ތެރެއިން 245,389.64 ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފައެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގި 12 މައްސަލަ މިދިޔަ ހަފުތާގައި އެކަނިވެސް ވަނީ ރިޕޯޓްކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްގެ 9 މައްސަލައެވެ.
މީގެ އިތުރުން ހުއްދަނެތި އެކައުންޓުން މުއާމަލާތްކޮށްގެން ހިންގި އަންއޮތޮރައިޒްޑް ޓްރާންސެކްޝަންގެ 4 މައްސަލައާއި، ކުރު މުއްދަތެއްގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ހިންގި އިންވެސްޓްމަންޓް ސްކޭމްގެ 4 މައްސަލައެއް ހިމެނެއެވެ. އަދި ބުކިންގ ކެންސަލް ނުވަތަ ރިފަންޑާ ގުޅުވައިގެން ހިންގި 3 މައްސަލައާއި، އޮޅިގެން ފައިސާ ފޮނުވިފައިވާ އަންއިންޓެންޝަނަލް 3 މައްސަލައެއްގެ އިތުރުން އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 3 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، ބޭރު ފައިސާ މާރުކުރުމުގައި ލައިސަންސް އޮންނަ އެކްސްޗޭންޖުތައް އެކަނި ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދައްކާ "ކޭޝް އޮން ޑެލިވަރީ" އުސޫލަށް އިސްކަންދިނުމަކީ ރައްކާތެރި ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެއެވެ.
ހަމައެއާއެކު، އާއިލާގެ މެންބަރެއް ނުވަތަ ގާތް ރަހުމަތްތެރިއެއްގެ ނަމުގައި ފައިސާއަށް އެދި މެސެޖެއް ލިބުނު ކަމުގައިވިޔަސް، ފައިސާ ފޮނުވުމުގެ ކުރިން ސީދާ އެ މީހަކަށް ފޯނުން ގުޅައި މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.