ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް-31 ގެ ލީޑަރުންގެ ސަމިޓުގެ އިފުތިތާހީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް ޑރ.މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ތުރުކީގެ އަންތާލިޔާގައި އޮންނަ ކޮޕް-31 ގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންފައިވާއިރު، މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު ކުރިއަށްދާ ކޮޕް-31 ގެ ލީޑަރުންގެ ސަމިޓުގައި ރައީސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްތައް ބަޔާންކޮށްދެއްވުމާއެކު، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަަމައުން ބޭނުންވާ އެހީތެރިކަމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާނެއެވެ.

އިޝްތިހާރު އިޝްތިހާރު

ކޮޕް ސަމިޓުގައި ކުރިއަށްދާ މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރަށް މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ވެރިންނާ ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާކުރައްވާނެއެވެ.

ކޮޕް ސަމިޓަކީ މޫސޫމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ ދުވެލި ހަލުއިކުރުމުގެ މަގުސަދުގައި، ދުނިޔޭގެ ލީޑަރުންނާއި، ޔޫއެންއެފްސީސީސީގެ މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވެވަޑައިގެން މަޝްވަރާކުރެއްވުމަށް އަހަރަކު އެއްފަހަރު ބާއްވާ ސަމިޓެކެވެ.

ދުނިޔޭގެ ލީޑަރުންގެ އިތުރަށް މި ސަމިޓުގައި ވިޔަފާރިވެރިންނާއި ޒުވާނުންނާއި، މޫސުމާ ބެހޭ ސައެންސްވެރިންނާއި، މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުން ބައިވެރިވެ، އެންމެން ޝާމިލުވެގެން މޫސުމީ ބަދަލުތަކާ ދެކޮޅަށް ޖަމާއީ މަސައްކަތްތަކެއް ކުރުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތައް ހިއްސާކުރާނެއެވެ.

މި ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދަށް އައި ޔޫއެންއެފްސީސީސީގެ މުއާހަދާގެ ދަށުން ބައްވާ 31 ވަނަ ސަމިޓެވެ. މި މުއާހަދާއަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރުމަށް މިހާތަނަށް އެކުލަވައިލެވުނު އެންމެ ޝާމިލު އެއްބަސްވުންކަމަށްވާ ޕެރިސް އެގްރިމެންޓުގެ އަސްލެވެ.