މުޖުތަމަޢުގައި އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙުކުރުމުގެ ޚާއްޞަ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް ހަމަޖެހިފައިވަނީ 14 ނޮވެންބަރު 2026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 07:45 ގައެވެ. މި ޤައުމީ މަޝްރޫޢު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންދެއްވުމަށް އެދި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ ޢާންމުކޮށް ދަޢުވަތު އަރުއްވާފައެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢަކީ މުޖުތަމަޢުގެ އެކި ފަންތިތަކުގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކޮށް، އަދަބުއިޙުތިރާމާއި އޯގާތެރިކަން ކުރިއެރުވުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ޤާއިމުކުރުމުގައި އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ ސިފައަކީ ކޮންމެހެން ބޭނުންތެރި އަސާސެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް މިހާރު ކުޑަތަންވެފައިވާއިރު، ރަސްމިއްޔާތު ކުރިއަށްދާނެ ވަކި ތަނަކާއި އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ވަގުތުތަކުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރަމުން ގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.