އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަޒަރުބައިޖާނަށް ފުރާވަޑައިގެންފިއެވެ.
އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި އިންތިޒާމުކޮށްފައިވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 27 އިން 29 ގެ ނިޔަލަށެވެ. މި ބައްދަލުވުމުގެ ތެރެއިން ވަޒީރު ހީނާ ވަލީދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ސަގާފީ ގުޅުންތައް ބަދަހިކުރުމުގައި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ އެދެވޭ ގޮތުގައި ބޭނުންކުރެވިދާނެ ގޮތްތަކާމެދު އެކަމަނާ މަޝްވަރާކުރައްވާނެއެވެ.
މި ފޯރަމަކީ ސަގާފަތްތަކުގެ މެދުގައި އޮންނަ ވާހަކަދެއްކުންތަކާއި އެކަކު އަނެކަކަށް ދޭ އިހުތިރާމު ފުޅާކޮށް، ދުނިޔޭގެ ފެންވަރުގައި ގުޅިގެން ހަރަކާތްތެރިވުން ހަރުދަނާކުރުމަށްޓަކައި އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސަގާފީ އަދި ތަޢުލީމީ ދާއިރާގެ މާހިރުންގެ އިތުރުން ދީނީ އިލްމުވެރިންނާއި ޒުވާނުން އެއް މަންސައަކަށް ޖަމާކޮށްދޭ މުހިންމު ހަރަކާތެކެވެ.
ފޯރަމްގެ ތެރެއިން ހިންގޭ ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ އިސްވެރިންގެ 3 ވަނަ ބައްދަލުވުމާއި "ބާކޫ ޕްރޮސެސް" ގެ 6 ވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ޚާއްޞަ ގުޅިފައިވާ ސެޝަނެއްގައި ވަޒީރު ވާހަކަފުޅު ދައްކަވާނެއެވެ.
އެގޮތުން، "ޑައިލޮގް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ބްރިޖަސް އިން އަ ފްރެކްޗަރޑް ވޯލްޑް" މި ޝިއާރުގެ ދަށުން ބާއްވާ މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަލީދު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ ފޯރަމް ފެށޭ ފުރަތަމަ ދުވަހުގައެވެ.
"ބާކޫ ޕްރޮސެސް" ގެ ދަށުން ބާއްވާ މި ސައްލާއަކީ ސަގާފީ ފަރަގުތަކާއި، އިޖުތިމާޢީ ގޮތުން ދުރުހެލިވުމުގެ އިތުރުން ޒަމާނީ ފަންނިއްޔާތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް އަމާޒުހިފާފައިވާ ހަރަކާތެކެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، މި ފޯރަމްގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ރާއްޖޭގެ ތާރީޚީ ތަރިކަ ރައްކާތެރިކުރުމަށާއި، ބަހާއި ޑިޖިޓަލް ދާއިރާއިން ޤައުމީ ފެންވަރުގައި ކުރިއަށްނެރޭ ލަނޑުދަނޑިތައް ބައިނަލްއަޤުވާމީ މައިދާނުގައި ހިއްސާކޮށް، ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމާޢަތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.