ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުން ކަމަށާއި، ރައްޔިތުންނަކީ އަޚުލާގު ރަނގަޅު، މުރުއްވަތްތެރި އަދި އެކަކު އަނެކަކަށް އިހުތިރާމުކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ސަގާފަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި ކަރާމާތާއި މިނިވަންކަމާއެކު ބަސްބުނުމުގެ ހައްގު ޔަގީންކޮށްދީ، ކޮންމެ މީހެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކުރެވިގެން ވެރިކަމުގައި ރައްޔިތުން ބައިވެރިކުރެވޭ ނިޒާމެއް ކަމަށެވެ. އަދި ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ ނުސީދާ ގޮތުންނާއި ސީދާ ގޮތުން ވެރިކަމުގެ ނިޒާމުގެ ތެރޭގައި ރައްޔިތުންނަށް ބައިވެރިވެވޭތީ ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ ދިވެހީންނަކީ ހައިބަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއް ކަމަށާއި، ގަދީމީ ޒަމާންތަކުން ފެށިގެން 1953ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އޮތީ ރަސްކަމެއް ކަމަށެވެ. މީގެ އިތުރުން، ޖުމްހޫރީ ފިކުރަކީ ދިވެހީންގެ ތެރެއަށް ވަރަށް ފަހުގެ ތާރީޚެއްގައި ތައާރަފުވި ފިކުރަކަށް ވިޔަސް، ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ވެރިކަމަކީ ޖުމްހޫރީ އެތައް ސިފައެއް އެކުލެވިގެންވީ ވެރިކަމެއް ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

"ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުން ކަމުގައި ވީހިނދު އޭގެ ތަރަހައަކީ ވެސް ހަަމަ ތިޔަ ލޮބުވެތި ރައްޔިތުން ކަމުގައި ވީހިނދު، އަޅުގަނޑުމެންނަކީ މުރުއްވަތްތެރި އަޚްލާގެއްގެ ވެރި ބަޔަކަށް ވާންޖެހޭ. ކާބަފައިން ވަނީ މިކަމަށް ވަރަށް ފުރިހަމައަށް އިލްތިމާސްކުރައްވައިފައި. އަނެކުންނާ ރީތިކޮށް މުއާމަލާތުކޮށް އުޅޭ، އަނެކާގެ ގަދަރާއި އިހުތިރާމަށް ވިސްނަން ދަންނަ ބަޔަކަށް ވެސް ވާންޖެހޭ ކަމުގައާއި ގައުމަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިޚްލާސްތެރިކަން އިސްކުރުމަށް ވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށް ގޮވާލާފައި،" ހީނާ ވިދާޅުވިއެވެ.