ދިވެހިރާއްޖެއާއި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެންގެ ވިސްނުމާއި މަސައްކަތްތައް ބައްޓަންކޮށް، ގައުމީ ތަރައްގީއަށާއި ޒަމާނީ ތަހުޒީބަށް މަގުފަހިކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަޔާންކުރައްވައިފިއެވެ.
މި އަހަރު ބޭއްވުނު ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި ދިވެހި އުންމަތާ މުހާތަބުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، 'ޖުމްހޫރް' މާނަކުރެވެނީ އާންމު ރައްޔިތުންނަށެވެ. އަދި ޖުމްހޫރީ ނިޒާމަކީ ގިނަ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ވެރިއަކު ދައުލަތް ހިންގުން ކަމަށްވާތީ، މިއީ ރައްޔިތުން ނިންމި ޑިމޮކްރެޓިކް ނިންމުމުގެ އުފާ ފާޅުކުރުމުގެ މުނާސަބަތެއް ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ޖުމްހޫރީ ދުވަހަކީ ގައުމުގެ ވެރިކަން ހިންގުމާމެދު ރައްޔިތުން ގޮތް ނިންމި ތާރީހީ މުނާސަބަތެކެވެ. މިއީ ދިވެހީންގެ ފާއިތުވި ދުވަސްތަކާއި، މިއަދުގެ ހާލަތާއި، އަދި ކުރިމަގާމެދު ފުންކޮށް ވިސްނާލަންވީ ވަގުތެވެ.
"ޖުމްހޫރީ ދުވަހަކީ ދިވެހީންގެ ގައުމާމެދު ވިސްނުމުގެ ދުވަސް. ގައުމުގެ މުސްތަގުބަލާމެދު ފިކުރު ހިންގުމުގެ ދުވަސް،" ރައީސް
ދިވެހިންނަށް ލިބިފައިވާ ސުލްހަމަސަލަސްކަމާއި މާތްވެގެންވާ ނިއުމަތްތަކަށް އަލިއަޅުއްވާލައްވަމުން، ދިވެހިންނަކީ ނިސްބަތުން ނަސީބުވެރި ބައެއްކަން ރައީސް ސިފަކުރެއްވިއެވެ. ރާއްޖޭގެ 4،000 އަހަރުވީ ދިގު ތާރީހާއި އެހެނިހެން ގައުމުތަކުގެ ކަންކަން ހިނގާފައިވާ ގޮތަށް ބަލައިލުމުން، މި މަތިވެރި ނަސީބުގެ މިންވަރު ސާފުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ވަރަށް ފަހަކާ ޖެހެންދެން ދިވެހި ގައުމަކީ އެއްލައްކަ މީހުން ހަމަނުވާ ގައުމެއް. އެހެންވީމާ މިހައި މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާއުކޮށް މިނިވަންކަންމަތީ ތިބެން މާތްﷲ މިންވަރުކުރެއްވި އާދަޔާ ހިލާފު ހަގީގަތަކީ ވަރަށް މަތިވެރި ނިއުމަތެއް، ވަރަށް ބޮޑު ނިއުމަތެއް ވަރަށް ބޮޑު އުފަލެއް،" ރައީސް
އަމިއްލަ ވަޒަނެއް ގެއްލި، މިނިވަންކަމުން މަހްރޫމްވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުން އުފުލަމުންދާ ދަތިތަކާއި ހިތާމަތަކުގެ ވާހަކަތައް އަބަދުވެސް އިވެމުންދާކަން ފާހަގަކުރައްވައި، އަމިއްލަ ފަސްގަނޑެއްގައި މިނިވަންކަންމަތީ ދިރިއުޅުމުގެ ނިއުމަތް ދެއްވި ކަމަށްޓަކައި މާތްﷲއަށް ހަމްދުކޮށް ޝުކުރުކުރުން މަތީ ދެމިތިބެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގައުމާއި ވަތަނުގެ ދިފާއުގައި ފިކުރާއި އަމަލުތައް ސީދާކުރަންޖެހޭ. އަޅުގަނޑުމެންގެ ކުރިއެރުމާއި މަދަނީ ތަހުޒީބީ ހަޔާތަށް ޖާގަ ހޯދަންޖެހޭ،" ރައީސް
ދިވެހި ކާބަފައިން ވަނީ އިހުއްސުރެ ހިކުމަތްތެރިކަމާއެކު ދުނިޔެއަށް އަންނަ ބަދަލުތަކާ ކުރިމަތިލައި، ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، އިސްލާމްދީން ފާޅުވެ ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިން އެ މަތިވެރި ދީން ގަބޫލުކުރިކަން އެމަނިކުފާނު މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
"ކީއްވެގެންތޯ؟ އާދެ އެއީ އިސްލާމްދީނަކީ އެންމެ ފުރިހަމަ ހައްގު ދީންކަމުގައިވާތީ. އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުގެ ކުލަތައް ކޮންމެ ގޮތަކަށް ހުއްޓަސް، އަޅުގަނޑުމެން ދިވެހިން އެއަކަށް ފަރުވާލެއް ނުބެހެއްޓީމު. އަޅުގަނޑުމެން ލިބިގަތީ އާލަމްތަކުވެރި މާތްﷲގެ ރިއާޔަތްތެރިކަން،" ރައީސް
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.