ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވި ވާހަކަފުޅަކީ، އިޤްތިޞާދީ ގޮންޖެހުންތަކާއި ވާރުތަވި ބޮޑެތި ދަރަނިތަކުގެ ތެރެއިން ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވުނު ގޮތުގެ ފުރިހަމަ ރިޕޯޓެކެވެ. ދިވެހިންގެ ސިޔާދަތާއި އިސްލާމީ ވަޙްދަތު އެންމެ މަތީ ދަރަޖައިގައި ޙިމާޔަތްކުރައްވަމުން، ރައްޔިތުންގެ ޖީބުތަކަށް ދިރުން ގެނެސްދީ، ގެދޮރުވެރިކަމާއި ޒަމާނީ ޓެކްނޮލޮޖީގެ އައު އުދަރެހަކަށް ރާއްޖެ ގެންގޮސްދިނުމުގެ ވަރުގަދަ ބިންގާ އެޅިއްޖެކަމުގެ އުފާވެރި ޚަބަރެވެ.
ޤައުމާ މުޚާޠަބު ކުރައްވައި ރައީސް އިއްވެވި ތާރީޚީ ޚިޠާބަކީ، ފާއިތުވި ތިން އަހަރުގެ ބުރަ މަސައްކަތުގެ ހިތްގައިމު ނަތީޖާއާއި ކުރިމަގުގެ އުއްމީދީ ތަޞައްވުރު އެކުލެވިގެންވާ ފުރިހަމަ ޗާޓެކެވެ. މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި ދިވެހި ޤައުމުގެ ސިޔާދަތީ މިނިވަންކަން އެންމެ ކުރީ ސަފަށް ނެރުއްވައި، ރައީސް މުޢިއްޒު ސާފުކޮށްދެއްވީ ދިވެހީންގެ މިސްރާބު ހުރީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ވަށާޖެހޭ ތަރައްޤީ ޙާޞިލުވެފައިވާ، ފުދުންތެރި، ފަޚުރުވެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް ކަމެވެ.
ދީނީ ބިންގަލާއި މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އިސްލާމްދީނުގެ ޙިމާޔަތަށާއި ޤައުމުގެ ސިޔާދަތަށެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނާއި، ރާއްޖޭގެ މިނިވަންކަމާއި، ދިވެހިންގެ އަގުތަކާ ފުށުއަރާ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ވޭތުވެދިޔަ 3 އަހަރަކީ ތާރީޚުގައިވެސް އެންމެ ގިނައިން ޒަކާތުގެ ފައިސާ ލިބުނު މުއްދަތުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޤައުމުގެ ސަރަޙައްދުން ބައެއް ދޫކޮށްލެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ކަމަށް ޤާނޫނަށް ގެނައި ބަދަލާއި، ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް ރެކޯޑުކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ހަމަޖެހުމާއި ދަރަނި އަދާކުރުމުގެ ރެކޯޑު
ދަޢުލަތުގެ މާލީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކަރަންސީ ސްވަޕް ހިމެނޭހެން މި އަހަރު އެކަނިވެސް 1.45 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދެއްކި ޢަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު ޢަދަދެކެވެ. މީގެއިތުރުން، ނުދައްކާ ހުރި ބިލުތަކަށް 25.13 ބިލިއަން ރުފިޔާ ދައްކައި، ދަޢުލަތުގެ ރިޒާވް ވަނީ 1.3 ބިލިއަން ޑޮލަރަށް ޖައްސާފައެވެ.
އިޤްތިޞާދީ މިފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މޫޑީޒް އަދި ފިޗް ރޭޓިންގްގައި ރާއްޖެއަށް ވަނީ ކުރިއެރުން ލިބިފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ނިންމައި ޚިދުމަތަށް ވަނީ ގެނެވިފައެވެ.
ބޯހިޔާވަހިކަމާއި ރަސްމާލެ މަޝްރޫޢު
ގެދޮރުވެރިކަމަކީ ސަރުކާރުގެ އެންމެ މުހިންމު ވަޢުދުކަން ފާހަގަކުރައްވައި، ރަސްމާލެ މަޝްރޫޢާ މެދު އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. މިހާތަނަށް ރަސްމާލެއިން 800 ހެކްޓަރުގެ ބިން ހިއްކިފައިވާއިރު، މާލެ ސަރަޙައްދުގައި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.
ހިޔާވެހި ފައިނޭންސްގެ ދަށުން 655 ފަރާތަކަށް 435 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، "ހެލްޕް ޓު ބައި" އަދި "ހެލްޕް ޓު ބިލްޑް" ސްކީމަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.
ޒުވާނުން ބާރުވެރިކުރުމާއި ވިޔަފާރިއަށް ލުއިތައް ދިނުން
ފާއިތުވި ތިން އަހަރުގެ ތެރޭގައި 4،061 ޒުވާނަކަށް އެކި ބާވަތުގެ ލުއި ލޯނު ފޯރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ކޮންޓެންޓް ކްރިއޭޓަރުންނާއި އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ ލޯނުތައް ހިމެނެއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި، ރޯ މެޓީރިއަލްސްގެ ޑިއުޓީ 0 އިންސައްތައަށް ކުޑަކުރުމާއި، ޖީއެސްޓީ ތްރެޝޯލްޑް 1.5 މިލިއަނަށް މަތިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބައިނަލްއަޤްވާމީ މުޢާމަލާތްތަކަށް މަގުފަހިކުރުމަށް ޕޭޕަލްގެ ޚިދުމަތްވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.
މޯލްޑިވްސް 2.0 އަދި ޑިޖިޓަލް ޚިދުމަތްތައް
ދަޢުލަތުގެ ޚިދުމަތްތައް ޒަމާނީކޮށް، "މޯލްޑިވްސް 2.0" ގެ ދަށުން އައިޑީ ކާޑަކީ ރައްޔިތުންނަށް ބާރުތައް ލިބިދޭ ސްމާޓް ވަސީލަތަކަށް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް (އެމްޑީއެކްސް) މެދުވެރިކޮށް ތަކުރާރުކޮށް ލިޔެކިޔުން ހުށަހަޅަންޖެހޭ އުސޫލު ނިމުމަކަށް ގެނައުމަށާއި،
2027 ވަނަ އަހަރާ ހަމައަށް މުޅި ޞިއްޙީ ނިޒާމު އެއް ވިއުގައަކުން ޑިޖިޓަލްކޮށް ގުޅާލުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެއިތުރުން "ޑިޖިޓަލް ފޮރ އޯލް" ގެ ނަމުގައި އޭއައި އަދި ޑިޖިޓަލް ލިޓަރަސީ ކެމްޕޭނެއް ކުރިއަށް ގެންދެވޭނެއެވެ.
ތަޢުލީމާއި ޞިއްޙީ ދާއިރާގެ އިންޤިލާބީ ބަދަލުތައް
ތަޢުލީމީ ދާއިރާއިން ދެއްކި ނަތީޖާއަށް ބަލާއިރު، ސާނަވީ ނިންމައި މަތީ ސާނަވީއަށް ވަންނަ ދަރިވަރުންގެ ނިސްބަތް ވަނީ 37 އިންސައްތައިން 46 އިންސައްތައަށް އިތުރުކުރެވިފައެވެ. އަދި އަލަށް ފެށި ވޮކޭޝަނަލް ސްކޫލުގައި 121 ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދެއެވެ.
ޞިއްޙީ ދާއިރާއިން ކުރިން ރާއްޖެއިން ނުލިބޭ އެތައް ފަރުވާއެއް ތަޢާރަފުކުރެވިފައިވާއިރު، ޤައުމުގެ ދުޅަހެޔޮކަމަށްޓަކައި ނިންމެވި ހަރުދަނާ ނިންމެވުންތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ވޭޕް މަނާކުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފުކުރުމަކީ އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައި ނިންމެވި މުހިންމު ނިންމެވުންތަކެއް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، އަނިޔާވެރި އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއަށް މަނާކުރުމަށް ނިންމެވި ނިންމެވުމަކީ ބައެއް ވިޔަފާރިވެރިންގެ ދެކޮޅުވެރިކަމާ އެކުވެސް ޤައުމީ މަޞްލަޙަތުގައި ނިންމެވި ނިންމެވުމެއްކަން ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތް އަލުން އާރާސްތުކުރުން
ހީނަރުވެފައި އޮތް މަސްވެރިކަމުގެ ސިނާޢަތަށް ދިރުން ގެނެސްދެވިފައިވާ ކަމަށާއި، މިހާތަނަށް މަސްވެރިންނަށް 2.3 ބިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެތެރެއިން 1.3 ބިލިއަން ރުފިޔާއަކީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރެވުނު ފައިސާއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ހުރިހާ މަސައްކަތްތަކަކީވެސް ރައްޔިތުންނަށް ހަމަހަމަކަމާއެކު އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަންނަން އޮތް ޖީލުތަކަށް ސަލާމަތްތެރިކަމާއެކު ވާސިލުކޮށްދިނުމަށް އިޚްލާޞްތެރިކަމާއެކު ކުރައްވާ މަސައްކަތްތަކެއް ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.