ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ގަވާއިދާ ޚިލާފުވި ތިން ކުންފުންޏެއް ބޮޑު ޢަދަދަކުން ޖޫރިމަނާކޮށް، އެ ތަންތަނަށް ދޫކޮށްފައިވާ ވިޔަފާރި ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާޠިލުކޮށްފިއެވެ.

މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށެވެ.

މި ކުންފުނިތަކުގެ ތެރެއިން އެލްވީއާރު އަދި މޭޑް މަނީ އެކްސްޗޭންޖް ޖޫރިމަނާކޮށްފައިވަނީ ކޮންމެ ތަނެއް 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިންނެވެ. އަދި މައިޒޯން އެކްސްޗޭންޖް ޖޫރިމަނާކޮށްފައިވަނީ 500،000 (ފަސް ލައްކަ) ރުފިޔާއިންނެވެ. މީގެއިތުރުން، މި ތިން ކުންފުންޏަށް ދޫކޮށްފައިވާ ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ މިހާރު ވަނީ އެއްކޮށް ބާޠިލުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

އެމްއެމްއޭއިން މި ފިޔަވަޅު އަޅާފައިވަނީ، ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްތައް ހިންގާ ފަރާތްތަކާއި ބްލެކް މާކެޓުގައި ޑޮލަރު ވިއްކާ ފަރާތްތައް ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، ފައިސާ މާރުކުރާ ތަންތަނުން ކުރިއަށްގެންދާ މާލީ މުޢާމަލާތްތައް މޮނިޓަރކޮށް ބެލެހެއްޓުން މިހާރު އިތުރަށް ވަރުގަދަކޮށްފައިވާއިރު، މީގެ ކުރިންވެސް މިފަދަ އުސޫލުތަކާ ޚިލާފުވި ބައެއް ފަރާތްތަކާ މެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފިޔަވަޅު އަޅާފައެވެ.