މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ރާއްޖޭގައި މަނީ އެކްސްޗޭންޖް ކުރުމުގެ ހުއްދަ ދީފައިވާ ތިން ކުންފުންޏެއްގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ލައިސަންސް ބާތިލްކުރި ތިން ތަނަކީ:
-
އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
-
މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް
-
މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް
ލައިސަންސް ބާތިލްކުރުމުގެ އިތުރުން، މި ކުންފުނިތައް ގަވާއިދާ ޚިލާފުވެފައިވާތީ ބޮޑެތި އަދަދުތަކުން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. އެގޮތުން އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް، މިއިން ކޮންމެ ކުންފުންޏެއް 250,000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ވަނީ 500,000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
މިކަމާ ގުޅިގެން އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ގާނޫނާއި ގަވާއިދާ ޚިލާފުވާ މިފަދަ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ވެސް އެމްއެމްއޭ އާއި ކަމާބެހޭ ތަންފީޒީ އިދާރާތައް ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.