މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ކާބޯތަކެތި އިމްޕޯޓްކުރި މިންވަރު އިތުރުވެއްޖެއެވެ. އެންމެ ގިނައިން އެތެރެކޮށްފައިވަނީ މަހުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖެނުއަރީން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް 628 މިލިއަން ރުފިޔާގެ ކާބޯތަކެތި ވަނީ އެތެރެކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އެތެރެކުރި 573 މިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެއަށް އެތެރެކުރި ކާބޯތަކެތީގެ ތަފްޞީލަށް ބަލާއިރު:
-
މަހުގެ ބާވަތްތައް: 126 މިލިއަން ރުފިޔާ
-
ތަރުކާރީގެ ބާވަތްތައް: 86 މިލިއަން ރުފިޔާ
-
މޭވާގެ ބާވަތްތައް: 85 މިލިއަން ރުފިޔާ
-
ކިރާއި ބިހުގެ ބާވަތްތައް: 85 މިލިއަން ރުފިޔާ
ރައްޔިތުންނަށް ފަސޭހަކަމާއެކު ހެޔޮއަގުގައި އަސާސީ ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން، ޢާންމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު، ފުށް) ގެ އިތުރުން، އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ 10 ބާވަތަކާއި، މުގާއި ބިސް އަދި އަލުވި ހިމެނޭހެން 23 ބާވަތެއް އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކޮށް، މިދިޔަ އަހަރުން ފެށިގެން އަންނަނީ އަގުހެޔޮކޮށް ބާޒާރުން ލިބޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ.
މީގެއިތުރުން، ރާއްޖެއަށް އެތެރެކުރާ މުދާ އަވަހަށް އަދި ލުއިފަސޭހަކަމާއެކު ކްލިއަރ ކުރުމަށްޓަކައި، މާލޭ ވިޔަފާރި ބަނދަރަށް އޮތް ބާރު ކުޑަކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން، އަންނަ އަހަރުގެ ނޮވެމްބަރު މަހަށް މާލޭ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމަށް ރޭވިފައިވާއިރު، މީގެ ސަބަބުން މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް އަވަސްވެ، ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.