މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކުރި ހިސާބުތަކަަށް ބަލާއިރު 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ އިމްޕޯޓަށް ހަރަދުވީ 2.2 ބިލިއަން ރުފިޔާއެވެ. 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމުނު އަހަރު އިމްޕޯޓަށް ހަރަދުވި އަދަދަށްވުރެ މި އަހަރު އިމްޕޯޓަށް ހަރަދުވި އަދަދު 494.9 މިލިއަން ރުފިޔާއިން އިތުރުވެފައިވެއެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 28.8 އިންސައްތައިގެ އިތުރުވުމެކެވެ.
އިމްޕޯޓުގެ އެކި ބާވަތްތަކަށް ހަރަދުވި އަދަދުތަކަށް ބަލާއިރު ކާބޯތަކެތީގެ އިމްޕޯޓަށް 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހަރަދުވީ 385.8 މިލިއަން ރުފިޔާއެވެ. މި އަހަރު ކާބޯތަކެތީގެ އިމްޕޯޓަށް ހަރަދުވި އަދަދު 7.7 އިންސައްތަ އިތުރުވެ، 415.7 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ކާބޯތަކެތީގެ ތެރެއިން އެއްގަމު މަހާއި، ކަނޑުމަހާއި ސީފުޑުގެ ބާވަތްތަކުގެ އިމްޕޯޓަށް ހަރަދުވި އަދަދު ވަަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން 2025 ވަނަ އަހަރު އެބާވަތްތަކުގެ އިމްޕޯޓަށް 74.1 މިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު އެ އަދަދުވަނީ 82.8 މިލިއަން ރުފިޔާއަށް އަރާފައެވެ.

ޖުމްލަ އިމްޕޯޓުގެ ހަރަދު ވަރަށް ބޮޑަށް އިތުރުވިއިރު އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ޕެޓްރޯލިއަމް އުފެއްދުންތަކުގެ އިމްޕޯޓަށް ކުރި ހަރަދަށެވެ. އެގޮތުން ޕެޓްރޯލިއަމް އުފެއްދުންތަކުގެ އިމްޕޯޓަށް 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު ހަރަދުވީ 329.8 މިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި ޕެޓްރޯލިއަމް އިމްޕޯޓަށް ހިނގި ހަރަދު 618.8 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އެއީ 87.6 އިންސައްތައިގެ އިތުރުވުމެކެވެ.
ޕެޓްރޯލިއަމް އުފެއްދުންތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް މި އަހަރު ހިނގީ ޑީސަލް އެތެރެކުރުމަށެވެ. ނިމުނު އަހަރު ޑީސަލް އިމްޕޯޓުކުރަން 251.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ނިޔަލަށް އެ އަދަދު 473.4 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ނިމުނު އަހަރާ އަޅާބަލާއިރު ޑީސަލްގެ އިމްޕޯޓުގެ ހަރަދު 88.1 އިންސައްތަ އިތުރުވެފައިވެއެވެ.
ޕެޓްރޯލު އިމްޕޯޓުކުރުމަށް 2025 ވަނަ އަހަރު 41.6 މިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު އެ އަދަދުވަނީ 95.1 މިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 128.3 އިންސައްތައިގެ އިތުރުވުމެކެވެ.
ތެލުގެ ބާވަތްތައް އިމްޕޯޓުކުރުމަށް ހިނގާ ހަރަދު ބޮޑުވި ސަބަބެއްކަމަށް ބެލެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހޮރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އަދި ސާފުކޮށްގެން ވިއްކާ ތެލުގެ އަގު އުފުލުން ކަމށެވެ.
އިމްޕޯޓަށް ކުރާ ހަރަދު އިތުރުވުމުުގެ ސަބަބުން ބޭރު ފައިސާއަށް ބޭނުންޖެހޭ މިންވަރު ނުވަތަ ޑިމާންޑު އިތުރުވެ، މަރުކަޒީ ބޭންކުން އިމްޕޯޓުކުރާ ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވެއެވެ.










ކިޔުންތެރިންގެ ހިޔާލު