ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026 ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތްތަކާއި މަޢުލޫމާތު ޢާންމުންނާ ހިއްސާކޮށްފިއެވެ.

މި މަހުގެ ފަސްވަނަ ދުވަހުން ހަތް ވަނަ ދުވަހަށް ކުރިއަށްދިޔަ މި އެކްސްޕޯއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިސް ފަރާތްތަކާއި ޚާއްޞަ ޑޮކްޓަރުން އެއް ތަނަކުން ބައްދަލުވެ، ޢާއިލީ ދުޅަހެޔޮކަމާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްޞަދުގައި ބޭއްވި ހަރަކާތެކެވެ.

މި އެކްސްޕޯގެ ތެރެއިން ޒިޔާރަތްކުރި ފަރާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނާ ބައްދަލުކޮށް، ހިލޭ ކޮންސަލްޓޭޝަން ހޯދުމުގެ ފުރުޞަތާއި މަޢުލޫމާތު ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

އިޝްތިހާރު އިޝްތިހާރު

އެގޮތުން އަންހެނުންގެ ޞިއްޙަތާއި ދަރިމައިވުމުގެ ފަރުވާ، ދަތުގެ ފަރުވާ އަދި އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީގެ އިތުރުން ކުޑަކުދިންގެ ބަލިތަކާއި، ޓްރޯމާ ކެއާ އަދި ނިއުރޯސާޖަރީގެ ދާއިރާއިން މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެކްސްޕޯ ކުރިއަށްދިޔަ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ޓްރީ ޓޮޕްގެ ޑޮކްޓަރުން ސްޓޯލުގައި ޚިދުމަތް ދެއްވުމަށް ހަރަކާތްތެރިވެފައިވެއެވެ.

އެކްސްޕޯގެ ފުރަތަމަ ދުވަހު ދަރިމައިވުމުގެ ފަރުވާއާއި މާބަނޑު ދުވަސްވަރުގެ ފަރުވާއާ ގުޅޭގޮތުން ޑރ. ޒަކިއްޔާ އަހުމަދާއި ޑރ. ވަރްޝާ ރެންގަރަޖް މަޝްވަރާ ދެއްވި އިރު، ދެވަނަ ދުވަހު ދަތުގެ ފަރުވާއާއި މެކްސިލޯފޭޝަލް ސާޖަރީގެ ދާއިރާއިން ޚިދުމަތް ދެއްވީ ޑރ. އާމިނަތު ރީޝާއާއި ޑރ. މުހައްމަދު ސަލްމާން ބަޝާއެވެ. އަދި ފަހު ދުވަހު ކުޑަކުދިންގެ ބަލިތަކާއި ޓްރޯމާ އަދި ނިއުރޯސާޖަރީގެ ޚިދުމަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވީ ޑރ. އެލެސަންޑްރާ މާޓީނޯ އަދި ޑރ. ޖޯ މަރިއަޑަސްއެވެ.

މި ހަރަކާތާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރީވަތުސަން ސްރީދަރް ވިދާޅުވީ، މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ މުޖުތަމަޢާ ގާތުން ގުޅުން ބަދަހިކޮށް، ރާއްޖޭގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް އެ ހޮސްޕިޓަލުން ދޭ އަހައްމިއްޔަތުކަން ހާމަކުރުން ކަމަށެވެ. އަދި ޢާއިލާތަކާ ބައްދަލުވެ، އެ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދީ، ދުޅަހެޔޮ ދިރިއުޅުމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާގައި ފާހަގަކޮށްލެވޭ ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ޒަމާނީ ވަސީލަތްތަކާއެކު ތަޖުރިބާކާރު ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދީ، މުޖުތަމަޢުގެ ބަދަލުވަމުން އަންނަ ޞިއްޙީ ބޭނުންތަކަށް އެކަށޭނަ ފެންވަރު ރަނގަޅު ޚާއްޞަ ފަރުވާތައް ފުޅާދާއިރާއެއްގައި ތަޢާރަފުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު މަހުގެ 30ގައި އެ ހޮސްްޕިޓަލުން ވަނީ، ސްޓްރޯކަށް ހޭލުންތެރިކުރުވުމާއި އެކަމަށް ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކުގެ އިތުރުން އާންމުން ހޭލުންތެރިކުރުވުމަށްޓަކައި އައިޖީއެމްއެޗާއި އެޗްޕީއޭ ގުޅިގެން އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވެސް ބައިވެރިވެފައެވެ.

އެ ހަރަކާތަކީ ސިއްހީ މާހިރުންނަށް އާންމުންނާ ބައްދަލުކޮށް، ސްޓްރޯކްގެ އަލާމާތްތައް ދެނެގަންނާނެ ގޮތާއި ވަގުތުން ފަރުވާ ހޯދުމުގެ މުހިންމުކަމާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.