ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ހެލްތު އެންޑް ފެމިލީ އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންނާއި ތަފާތު ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭން ފަށައިފިއެވެ.

މި އެކްސްޕޯގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލަށް ޒިޔާރަތްކުރާ އާންމުންނަށް އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާ ބައްދަލުކޮށް، ސިއްހީ ގޮތުން ބޭނުންވާ މައުލޫމާތާއި އިރުޝާދު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ތެރެއިން އަންހެނުންގެ ސިއްހަތާއި، ދަރިމައިވުމުގެ މައްސަލަތަކާއި، ދަތުގެ ފަރުވާގެ އިތުރުން މޫނުމަތީގެ އަދި ކަތުރުކަށީގެ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު މި ސްޓޯލުން ލިބޭނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ބަލިތަކާއި، ކުއްލި އަނިޔާތަކަށް ފަރުވާދިނުމުގެ ހިދުމަތް ނުވަތަ ޓްރޯމާ ކެއާ އަދި ނިއުރޯސާޖަރީ ފަދަ މުހިންމު ދާއިރާތަކާ ބެހޭ ގޮތުންވެސް މައުލޫމާތު ދެމުންދެއެވެ.

އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށި މި އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލް އިއްޔެ ހާއްސަކުރީ ދަރިމައިވުމުގެ މައްސަލަތަކާއި، މާބަނޑު ދުވަސްވަރާއި ވިހެއުމާ ގުޅޭ ފަރުވާތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ. މިއަދު އެ ސްޓޯލް ހާއްސަކޮށްފައިވަނީ ދަތުގެ ފަރުވާ އަދި އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަރީގެ ދާއިރާއަށެވެ. މާދަމާ އެ ސްޓޯލުން ހާއްސަ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ ބަލިތަކާއި، ޓްރޯމާ އަދި ނިއުރޯސާޖަރީގެ ދާއިރާއިންނެވެ. މި ހުރިހާ ދާއިރާތަކުންވެސް ތަޖުރިބާކާރު ސްޕެޝަލިސްޓު ޑޮކްޓަރުން ސީދާ ބައިވެރިވެ، އާންމުންނަށް މައުލޫމާތު ހިއްސާކުރާނެއެވެ.

އިޝްތިހާރު އިޝްތިހާރު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަތުސަން ސްރީދަރް ޖީ ވިދާޅުވީ، މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމަކީ މުޖުތަމައުއާ ސީދާ ގުޅުން ބަދަހިކޮށް، ރާއްޖޭގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށެވެ. އަދި އާއިލާތަކާ ބައްދަލުކޮށް، ސިއްހީ ގޮތުން ހުރި ސުވާލުތަކަށް ޖަވާބުދީ، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުދައްކައިދިނުމަކީ އެ ހޮސްޕިޓަލަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތްދޭ އިސް ފަރާތްތަކާއި ސިއްހީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ތަފާތު ޖަމިއްޔާތަކާއި މުއައްސަސާތައް އެއްތަނަކުން ބައްދަލުވާ މި އެކްސްޕޯގެ ތެރެއިން އާއިލާތަކުގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ދެއެވެ.

މި އެކްސްޕޯ ކުރިއަށްދާނީ މާދަމާގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.