ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގައި އިންޑިއާ، ޗައިނާ، ގަތަރު އަދި އިރާގަށް މި ހަތަރު ގައުމުގެ އުޅަނދުފަހަރަށް އެއްވެސް ހުރަހެއް ނެތް ކަމަށް ތެހެރާނުން ހާމަކުރެއެވެ. އެހެންނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިފަދަ ނިންމުންތަކާ ގުޅިގެން ސިޔާސީ ގޮތުން ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
ހޮރްމުޒް ކަނޑުއޮޅީގައި ގާއިމުކޮށްފައިވާ ހުރަސްތަކުގެ ތެރެއިން އިންޑިއާ، ޗައިނާ، އިރާގު އަދި ގަތަރުގެ އުޅަނދުތައް ދަތުރުކުރުމަށް އީރާނުން ހުއްދަދީފައިވާ ކަން އަންގާރަ ދުވަހު އެ ގައުމުގެ ޕާލަމެންޓުގެ އިސް ބޭފުޅަކު ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
އީރާނުގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އާމިރު ހަޔާތު މުގައްދަމް، އީރާނިއަން ސްޓޫޑެންޓްސް ނިއުސް އޭޖެންސީ (އައި.އެސް.އެން.އޭ) އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ގައުމުތަކުގެ ބޯޓުފަހަރު ދަތުރުކުރަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށާއި، އެމެރިކާއިން ވެސް އެ އުޅަނދުތަކަށް އެއްވެސް ހުރަހެއް ކުރިމަތިނުކުރާ ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީކޮޅުގައި، އީރާނުން ވަނީ މި ކަނޑުއޮޅިން ކުރާ ދަތުރުތައް ގާތްގަނޑަކަށް އެއްކޮށް ހުއްޓުވާފައެވެ. އޭގެ ފަހުން ޖުލައި މަހުގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނުގެ ދެކުނު ބަނދަރުތައް އަލުން ކަނޑުމަގުން ބަންދުކޮށްފައެވެ.
އެހެންކަމުން، މި މުހިންމު މަގުން ދަތުރުކުރުމުގެ ހުއްދަ މި ހަތަރު ގައުމަށް އެކަނި ދިނުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ އަދި މި ބަންދުކުރުން ދެމިއޮތްހާ ހިނދަކު، ހަގީގަތުގައި ވެސް އެ އުޅަނދުތަކަށް އަމާންކަމާއެކު ދަތުރުކުރެވިދާނެ ހެއްޔެވެ؟
ދަތުރުކުރުމުގެ ފުރުސަތު ދިނުމުން އީރާނަށް ލިބޭ ފައިދާ
ހަޔާތު މުގައްދަމް ފާހަގަކުރެއްވި ގޮތުގައި މި އިންތިޒާމުގެ ދަށުން އިންޑިއާއިން ބޭހުގެ އެހީތެރިކަން އަދި ޗައިނާއިން ސިޔާސީ ގޮތުން ވާގިވެރިކަން އީރާނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުގެ ފަރާތުން ޑިޕްލޮމެޓިކް ގޮތުން ބޮޑެތި އެއްބާރުލުންތަކެއް މިހާރުވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، އިންޑިއާއާއި ޗައިނާގެ އުޅަނދުތަކުން ކަނޑުއޮޅި ހުރަސްކުރާތީ ތެހެރާނުން ފީ ނަގާނެއެވެ. ނަމަވެސް ގަތަރުގެ އުޅަނދުތަކަށް އެއްވެސް އަގަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ އޮންނާނެއެވެ. އެހެންނަމަވެސް، އިރާގުގެ އުޅަނދުތަކުން ފީއެއް ނަގާނެކަން ނުވަތަ ނޫންކަން އޭނާ ސާފުކޮށްދެއްވާފައެއް ނުވެއެވެ.
ލުންޑް ޔުނިވަރސިޓީގެ ތާރީހާއި އިންސާނީ ހައްގުތަކާ ބެހޭ ދާއިރާގެ ދިރާސާވެރިއެއް އަދި އީރާނުގެ މަސްރަހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ރޫޒްބޭ ޕާރސީ އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ގާނޫނުހަދާ މަޖިލީހުގެ މެންބަރު ދެއްކެވި ސަބަބުތަކަށް ވުރެ ބޮޑަށް އުފެދޭ ސުވާލަކީ މި އުސޫލު އަމަލީ ގޮތުން ހިންގޭނެތޯ އަދި ކާމިޔާބުވާނީ ކިހާ މިންވަރަކަށްތޯއެވެ.
އޭނާ ވިދާޅުވީ، ދިގު މުއްދަތަކަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އޮތުމުގެ ސަބަބުން، މުދަލަށް މުދާ ބަދަލުކުރުމާއި އެއްޗަކަށް އެއްޗެއް ދިނުމަކީ އީރާނަށް އާ އުސޫލެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ހާލަތު ތަފާތުވަނީ، މިއީ އެޅިފައިވާ ހުރަސްތަކުގެ ތެރެއިން ވަގު މަގުތައް ހޯދައިގެން، ކޮންމެހެން ބޭނުންވާ މުދަލާއި ހިދުމަތްތައް ގައުމަށް އެތެރެކުރުމާއި ބޭރުކުރުމާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޯޖްޓައުން ޔުނިވަރސިޓީގެ މިޑްލް އީސްޓް ޕޮލިޓިކްސްގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ނާދިރު ހާޝިމީ ފާހަގަކުރެއްވި ގޮތުގައި، ބޮޑަށް ލަފާކުރެވެނީ އެ އުޅަނދުތަކަށް ހުރަސްތައް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.