މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭ ވިޔަފާރި ބަނދަރު މެދުވެރިކޮށް ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޖުމްލަ 190,145.85 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޕީއެލުން އާންމުކުރި އޮކްޓޫބަރު މަހުގެ ތަފާސްހިސާބުތަކުގައި މުދާ ކްލިއަރެންސް، ކޮންޓެއިނަރު ހޭންޑްލިން، މާލޭ ވިޔަފާރި ބަނދަރަށް އައި އުޅަނދުފަހަރު އަދި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރެވުނު މިންވަރުގެ ތަފުސީލު ވަނީ ހިމަނާފައެވެ. މި ހިސާބުތަކުން މާލޭ ވިޔަފާރި ބަނދަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފުޅާ ދައުރު ވަރަށް ބޮޑަށް ފެނިގެންދާކަމަށް އެ ކުންފުނިން ބުނެއެވެ.

ނިމިދިޔަ މަހު މާލޭ ވިޔަފާރި ބަނދަރުން ކްލިއާކުރި މުދަލުގެ ތެރޭގައި 5,768 ކޮންޓެއިނަރު ކޮންސައިންމަންޓާއި 1,825 ކޮންވެންޝަނަލް ކޮންސައިންމަންޓް ހިމެނެއެވެ. އަދި އެ މަހުގެ ތެރޭގައި ވިޔަފާރި ބަނދަރަށް ޖުމްލަ 47 އުޅަނދެއް ލަފާފައިވާއިރު، އޭގެ ތެރޭގައި 34 ކޮންވެންޝަނަލް އުޅަނދާއި 13 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

ކޮންޓެއިނަރު ހޭންޑްލިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވިޔަފާރި ބަނދަރުން 7,818 ޓީއީޔޫގެ ކޮންޓެއިނަރު ވަނީ އަންލޯޑްކޮށްފައެވެ. އަދި 7,610 ޓީއީޔޫގެ ކޮންޓެއިނަރު ލޯޑްކޮށްފައިވާއިރު، އެ މަހުގެ ޖުމްލަ ކޮންޓެއިނަރު ތްރޫޕުޓަކީ 15,428 ޓީއީޔޫއެވެ.

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކްލިއާކޮށްފައި ވަނީ ބިހާއި ފިޔާއެވެ. އެގޮތުން 72,561 ޕެކޭޖްގެ ބިސް ކްލިއާކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ކްލިއާކުރި ފިޔާގެ އަދަދު 50,847 ޕެކޭޖަށް އަރައެވެ.

މީގެ އިތުރުން އެންމެ ގިނައިން ކްލިއާކުރި އަސާސީ ކާބޯތަކެތީގެ ތެރޭގައި 37,117 ޕެކޭޖްގެ ކަރާއާއި، 26,263 ޕެކޭޖްގެ އަލުވި އަދި 21,380 ޕެކޭޖްގެ ޓޮމާޓޯ ހިމެނެއެވެ. ހަމައެއާއެކު 15,535 ޕެކޭޖްގެ އަލަނާސިއާއި، 14,657 ޕެކޭޖްގެ ކެބެޖާއި، 12,760 ޕެކޭޖްގެ ދޮންކެޔޮ، 5,913 ޕެކޭޖްގެ ބަރަބޯ އަދި 3,150 ޕެކޭޖްގެ ބަށި ވަނީ ކްލިއާކޮށްފައެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު ޖުމްލަ 178,197 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވެއެވެ. އެ މަހުވެސް ކްލިއާކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ ބިހާއި ފިޔާއެވެ.

އެމްޕީއެލުން އަންނަނީ ރާއްޖެއަށް އެތެރެކުރާ މުދާ، ޚާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ބަނދަރުން ކްލިއާކޮށް ވިޔަފާރިވެރިންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި އެ ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދިނުމެވެ. މިއާއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.