އެމްޕީއެލްގެ ކުރީގެ މެނޭޖަރާއި އެފްއެސްއެމްގެ ޑްރައިވަރު 8 އަހަރާއި 9 މަހަށް ޖަލަށްލުމާއެކު 6 މިލިއަން ރުފިޔާ ދެއްކުމަށް ވަނީ އަންގައިފައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތެލުގެ ޚިޔާނާތުގެ މައްސަލާގައި އެ ކުންފުނީގެ ކުރީގެ އިސް މުވައްޒަފަކާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ބިދޭސީ މުވައްޒަފަކު 8 އަހަރާއި 9 މަހަށް ޖަލަށްލުމަށާއި 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
މި މައްސަލާގައި ޙުކުމްކޮށްފައިވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓުގެ ޗީފް މެނޭޖަރުގެ މަޤާމުގައި ހުރި ސ. ފޭދޫ ވާރުގޭ މުޙައްމަދު އައިމަން އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ބާޖު ޑްރައިވަރެއްގެ ގޮތުގައި އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ ޚިޔާނާތްތެރިވުމުގެ ދަޢުވާ އާއި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދަޢުވާއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި އެ ދެ މީހުންގެ މައްޗަށް ދަޢުވާކުރީ ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޫބަރު 2020 ގެ ނިޔަލަށް އެމްޕީއެލްއަށް ލިބިފައިނުވާ 700,000 އަށް ވުރެ ގިނަ ލީޓަރުގެ ޑީސަލް ލިބިފައިވާ ކަމަށް ސައްހަ ނޫން ލިޔެކިޔުން ތައްޔާރުކުރުމުންނެވެ. އެ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދައްކައިފައެވެ.
ކޯޓުން ޙުކުމްކުރީ ޚިޔާނާތްތެރިވުމުގެ ކުށުގައި އައިމަން އާއި ސޮޖިބްގެ ތެރެއިން ކޮންމެ މީހަކު 8 އަހަރަށް ޖަލަށްލުމަށެވެ. މީގެ އިތުރުން ސައްހަ ނޫން ލިޔުން އުފެއްދުމުގެ މައްސަލާގައި ކޮންމެ މީހަކު 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ. އަދި ގެއްލުނު 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ބަދަލުގެ ގޮތުގައި ދެއްކުމަށްވެސް ކޯޓުން ވަނީ އަންގައިފައެވެ.
މި މައްސަލައާ ގުޅިގެން އައިމަން ކުރިން އަދާކުރަމުންދިޔަ ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އޭނާއަށް އަލުން ވަޒީފާދޭން އެންގި ނަމަވެސް، ހައި ކޯޓުން ފަހުން ވަނީ ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ނިންމައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.