ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، ހއ. ހޯރަފުއްޓަށް ނިސްބަތްވާ މީހަކު 18 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ހއ. ހޯރަފުށި، ހުދުހުދާގެ، މުޙައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ.
އެ ދަޢުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. ނާއިޝް 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެކި ދުވަސްމަތިން 3 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ދަޢުވާގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުން މި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު 14 ގައެވެ. މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ކުރި ޙުކުމުގައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
އެ ކުށުގެ އަދަބެއްގެ ގޮތުން ކޯޓުން އެންމެ ފުރަތަމަ ކަނޑައެޅީ 20 އަހަރުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު، އޭނާ ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި 7 މަހާއި 28 ދުވަހުގެ ޖަލު އަދަބެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.