ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ ބައެއްގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި، އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން 'އެސްއެމްއީ ސްޓާޓްއަޕް ފަންޑު' ޤާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ބަޔާން އިއްވަވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ޤައުމުގެ އިޤްތިޞާދުގެ މައިބަދަ ކަމަށެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވާ އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށްޓަކައި މި ފަންޑު މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުދި ވިޔަފާރިތަކަށް ޓެކްސް ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން، ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މި ބަދަލަށް އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.

އިޝްތިހާރު އިޝްތިހާރު

އަދި ސަރަޙައްދީ ފެންވަރެއްގައި ވިޔަފާރިތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، "އައްޑޫ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން" ޤާއިމުކުރުމުގެ މަޝްރޫޢުވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. މި ޒޯނުގެ ދަށުން ދައުލަތުގެ ބިން ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުގެ ކުލި މަޢާފުކޮށްދިނުމާއި، އިންކަމް ޓެކްސް ދައްކަން ނުޖެހުމާއި، ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީއަށް ލުއިތައް ދިނުމުގެ އިތުރުން ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އުޅަނދުތަކުގެ އަހަރީ ފީ މަޢާފުކުރުން ފަދަ ގިނަ ޢިނާޔަތްތަކެއް ލިބިގެންދާނެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ސިޔާސަތުތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ބޮޑެތި ލުއިތަކެއް ލިބި، ރާއްޖޭގެ އިޤްތިޞާދުގައި އެ ފަރާތްތަކުގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.