އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބާއްވާ ހާއްސަ ޖަލްސާ މާދަމާއަށް ތާވަލުކޮށްފިއެވެ.

މިކަން ހާމަކުރެއްވީ މިއަދުގެ މަޖިލިސް ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެމަނިކުފާނު ވިދާޅުވީ ބަޖެޓް ހުށަހެޅުމަށް ބާއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 1:30 ގައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅަނީ ޖުމްލަ ކިހާ ޢަދަދެއްގެ ބަޖެޓެއް ކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ހިނގަމުން މިދާ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. އަދި މިއީ 2025 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އިޝްތިހާރު އިޝްތިހާރު

މި އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ބަޖެޓް ހުށަހަޅުއްވަމުން އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، މި އަހަރުގެ އާމްދަނީގެ އެންމެ ބޮޑު ތަފާތަކީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަލާ ބައި ހިމަނާފައި ނުވުން ކަމަށެވެ.

މީގެ އިތުރުން، މި އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާއެވެ. މިއީ ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެކެވެ. އަދި އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.