މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުތަކުގެ ކަލަންޑަރު އާންމުކޮށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ އަންނަ އަހަރުގެ ޢުމްރާ ދަތުރުތައް ޕްލޭންކޮށްފައި ވަނީ ދިރާސީ އަހަރުގެ ކަލަންޑަރަށް ރިޢާޔަތްކޮށް، ސްކޫލް ބޮޑު ޗުއްޓީތަކާއި އާއިލާތަކަށް ފަސޭހަވާނެ ދުވަސްވަރުތަކާ ދިމާކޮށެވެ. އަންނަ އަހަރަށް ރާވާފައިވާ ޢުމްރާތަކުގެ ތެރޭގައި ހިމެނެނީ ރަމަޟާން މަހުގެ ޢުމްރާގެ އިތުރުން ޖުލައި މަހުގެ ޢުމްރާ، ސެޕްޓެމްބަރު މަހުގެ ޢުމްރާ އަދި ޑިސެމްބަރު މަހުގެ ޢުމްރާއެވެ.
އަންނަ އަހަރަށް ތާވަލުކޮށްފައިވާ ޢުމްރާ ދަތުރުތަކުގެ އަގުތަކަށް، މި ހިނގާ އަހަރުގެ އަގުތަކާ އަޅާބަލާއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން ޖުލައި އަދި ސެޕްޓެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ 30،965 ރުފިޔާއެވެ. އަދި އަހަރު ނިމޭ ޑިސެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ 31،965 ރުފިޔާއެވެ.
ޙައްޖު ކޯޕަރޭޝަނުން ވަނީ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލުއިފަސޭހަ ވާނޭހެން މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަންނަ ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާއަށް މާލޭގެ އިތުރުން އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ފްލައިޓު ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ބޮޑެތި ޗުއްޓީތަކާ ދިމާކޮށް ބާއްވާ ޢުމްރާތަކުގައި ވެސް ގަމުން ސީދާ ޖިއްދާއަށް ދަތުރުތައް ބޭއްވުމަކީ ކޯޕަރޭޝަންގެ އަމާޒެކެވެ.
މީގެ އިތުރުން، މިހާރު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށްދާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި، އެމީހަކު ހުރި ރަށަކާ އެންމެ ކައިރިން ވެކްސިލް ލިބެންހުރި ޞިއްޙީ މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފައެވެ.
ޙައްޖު ކޯޕަރޭޝަނުން ޢުމްރާ ދަތުރުތަކުގައި ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި؛ ރާއްޖެއިން ޖިއްދާއަށް ސީދާ ދަތުރުކުރާ ޑައިރެކްޓް ފްލައިޓާއި، ފެންވަރު ރަނގަޅު ހޮޓާތަކުގައި ތިބުމާއި، ޢުމްރާ ކިޓް (ފޮށި، އަތްދަބަސް، އިޙްރާމް، ދުޢާ ކާޑު، އަތްމަތީ ފޮތް، ކަމަރު ދަބަސް އަދި ފައިވާންލާ ކޮތަޅު) ހިލޭ ދިނުން ހިމެނެއެވެ. އަދި މަދީނާގައި ހޭދަކުރާ 3 ރޭގެ އިތުރުން، މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލުގައި ދަތުރުކުރުމާއި، ލޯންޑްރީ އަދި އިސްތިރިކުރުމުގެ ޚިދުމަތްވެސް ހިމެނެއެވެ.
ޞިއްޙީ ރައްކާތެރިކަމަށް ބަލާއިރު ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި ފާމަސީގެ ޚިދުމަތް ދިނުމުގެ އިތުރުން، ޢުމްރާވެރިންގެ ރައްކާތެރިކަމަށް ޚާއްޞަ ލޮކޭޝަން ޓްރެކިންގ ޑިވައިސް އަދި ބަގީގެ ޚިދުމަތްވެސް ފޯރުކޮށްދޭނެއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ، ކޮންމެ ދަތުރަކަށްވެސް ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ކަމަށެވެ. އެހެންކަމުން ޢުމްރާއަށް ޖާގަ ކަށަވަރުކުރުމަށްޓަކައި އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށް ނުވަތަ ވެބްސައިޓް (hajj.mv) އިން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެދިފައިވެއެވެ. ޙައްޖު ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދީ، ކޯޕަރޭޝަނާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.