ކޮންމެ މުސްލިމެއްގެ ވެސް އެންމެ ބޮޑު އެއް ހުވަފެނަކީ، އަދި އެންމެ މަތިވެރި އުންމީދަކީ ކީރިތި ރަސޫލާ ﷺ ގެ ބިމަށް ޒިޔާރަތްކޮށް، މާތްވެގެންވާ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ތައުފީޤު ލިބުމެވެ. ދިވެހިންނަކީވެސް މި މަތިވެރި އަޅުކަމަށްޓަކައި މުޅި އުމުރުގެ ބުރަ މަސައްކަތުން ލާރި އެއްކޮށް، އެ ދުވަހަކަށް ފުން އިންތިޒާރެއް ކުރަމުން އަންނަ ބަޔެކެވެ. ނަމަވެސް، އަހަރަކު ލިބޭ މަދު ކޯޓާއާއި، ދިގުލައިގެން ގޮސްފައިވާ ޙައްޖު ކިއުގެ ސަބަބުން، އެތައް ބައެއްގެ މި އުންމީދު ފުރިހަމަވަނީ އުމުރުގެ އެންމެ ފަހު މަރުހަލާއާ ހަމައަށް ދާއިރުއެވެ. މިފަދަ ހާލަތެއްގައި އޮތް ޙައްޖު ނިޒާމަށް މިހާރު މިވަނީ ބޮޑު އަދި އުންމީދީ ބަދަލެއް އަންނަން ފަށާފައެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަކީ ހަމައެކަނި މާލީ ތަނަވަސްކަމެއް ނޫނެވެ. އެއީ ޖިސްމާނީ ގޮތުންވެސް ކެތްތެރިކަމާއި ބޮޑެތި ގޮންޖެހުންތަކެއް ހުރަސްކުރަންޖެހޭ ބުރަ ދަތުރެކެވެ. މަޝްޢަރުތަކުގައި ހޭދަކުރާ ދުވަސްތަކާއި، ހޫނުގަދަ މާހައުލުގައި އެތައް ކިލޯމީޓަރަކަށް ހިނގަންޖެހޭ ހިނގުންތަކަކީ ޒުވާން އުމުރުގައިވެސް ފަސޭހަ ކަންކަމެއް ނޫނެވެ. ދެން ވިސްނާލަންވީ އުމުރުން 70 ނުވަތަ 80 އަހަރުވެފައިވާ، އެކި ކަހަލަ ދާއިމީ ބަލިތައް ތަޙައްމަލުކުރަމުންދާ އިސްރަށްވެހިންގެ ހާލަތަށެވެ. އެފަދަ ބޭފުޅުންނަށް ދުއްވާ ގޮނޑި ކޮއްޕައިދޭނެ، އަދި އަޅާލައި އެހީތެރިވާނެ ޢާއިލީ މީހަކު ނެތި އެ އަޅުކަން ފުރިހަމަކުރުމަކީ ނާދިރު ކަމެކެވެ.


މި ހަގީގަތުގެ ސަބަބުން، ކޮންމެ އަހަރަކުވެސް ލިބޭ 1،000 ކޯޓާގެ ތެރެއިން ބައެއް ހޭދަކުރަންޖެހެނީ މިފަދަ އެހީތެރިންނަށެވެ. ކިއުއިން ބޭރުން އެހީތެރިން ގެންދަން ޖެހުމަކީ، އަސްލު ކިއުގައި ތިބި އާންމު ރައްޔިތުންގެ ފުރުޞަތު ހަނިވެ، ކިއު ދިގުލައިގެންދާ މައިގަނޑު އެއް ސަބަބެވެ. މިހާރުވެސް ޙައްޖު ކިއުގައި 14،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ފަރުޟު ޙައްޖު އަދާނުކުރެވި، އުމުރުން 70 އަހަރުން މަތިވެފައިވާ 638 މީހުން އެބަތިއްބެވެ. އަދި އާންމު އުޞޫލުން ދާނަމަ، ކިއުއިން ޖާގަ ލިބޭއިރު 3،000 އަށްވުރެ ގިނަ މީހުން 70 އަހަރުގެ އުމުރުފުރާ ފަހަނައަޅައި ދާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އަނެއްކާވެސް އެހީތެރިން އިތުރުވެ، ކިއު އިތުރަށް ބާރުބޮޑުވާނެ ދައުރެކެވެ.
މި ބޮޑު ގޮންޖެހުމަށް ޙައްޖު ކޯޕަރޭޝަނުން މިހާރު މިވަނީ ހިކުމަތްތެރި އަދި ދުރުވިސްނޭ ނިންމުމެއް ނިންމާފައެވެ. ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ، އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް އިސްކަންދީ، 1448 ވަނަ އަހަރު ޙައްޖުގެ ފުރުޞަތު ދިނުމަކީ ކިއުގެ ތާށިކަން ފިލުވައިލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ސިޔާސަތުގެ ދަށުން އަންނަ އަހަރު އެކަނިވެސް ދޮށީ އުމުރުގެ 324 މީހަކަށް ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.

މި ނިންމުމުގެ އަސްލު އަމާޒަކީ ވަރަށް ސާފު ކަމެކެވެ. ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވި ފަދައިން، ކިއުގައި ތިބޭ އެއްވެސް މީހަކު 75 އަހަރަށްވުރެ މައްޗަށް ދިޔަނުދީ، އެހީތެރިންގެ ގޮތުގައި ގެންދަންޖެހޭ ޖާގަތައް މަދުކުރުމެވެ. މިކަމުގެ ސަބަބުން، ކޯޓާގެ އެންމެ ފުރިހަމަ ޖާގަ ކިއުގައި ތިބި އާންމު ރައްޔިތުންނަށް ލިބި، ޒުވާން އުމުރުގައާއި ހަށިގަނޑުގައި ވަރުހުއްޓައި ޙައްޖުވުމުގެ ފުރުޞަތު އެތައް ބަޔަކަށް އަވަސްވެގެންދާނެއެވެ.
މިއީ ހަމައެކަނި އިދާރީ ގޮތުން ނިންމި ނިންމުމެއް ނޫނެވެ. މިއީ މުޅި އުމުރު ދުވަހު ލޯބިވާ ގެފުޅު ދުށުމަށް ކަރުނައަޅައި ދުޢާކުރަމުންދިޔަ މާމައިންނާއި ކާފައިންގެ ހިތްތަކަށް ގެނެސްދިން ފިނިކަމެކެވެ. އަދި އިންޞާފުވެރިކަމާއެކު ކޯޓާގެ ބޭނުންހިފައި، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު މި މާތް އަޅުކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް އެޅުނު ބިންގަލެކެވެ. ހަމަކަށަވަރުންވެސް، މި ބަދަލާއެކު ޙައްޖު ކިއުގެ ދިގު އިންތިޒާރަށް ނިމުމެއް އައިސް، ދިވެހިންގެ ޙައްޖު ދަތުރު އިތުރަށް އަމާންވެ، އުންމީދުތައް އާވެގެންދާނެއެވެ.











ކިޔުންތެރިންގެ ހިޔާލު