މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ފްލައިޓް ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ.
މި ދަތުރު ފަސްކުރިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
މޯލްޑިވިއަނުން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ދަނީ ވަރަށް ގާތުން ބަލަމުންކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، މިހާރު އޮތް ޙާލަތަކީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ފަދަ ނުރައްކާތެރި ޙާލަތެއް ކަމަށް މޯލްޑިވިއަނުން ލަފާކުރެއެވެ.
ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން، ޖިއްދާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައި ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. މަސްރަޙު ގޯސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކުންވެސް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
މި ދަތުރު ފަސްކުރުމާ ގުޅިގެން ޢުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ މާފަށް އެދިފައެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް ކަމުގައި އެ ދެ މުއައްސަސާއިން ފާހަގަކުރިއެވެ.
މަސްރަހު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކަވާފައިވާ ހުރިހާ ބޭފުޅުންނަށް، އިތުރު އަގަކާނުލައި، ޢުމުރާގެ އަޅުކަމަށް ވަޑައިގެންނެވޭނެ ފުރުސަތު ފަހިކޮދެވޭނެ ކަމުގެ ޔަގީންކަން ޙައްޖު ކޯޕަރޭޝަނުން އަރުވައެވެ.
މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިންވެސް ފޯރުކޮށްދެމުންދާނެ ކަމަށާއި، ސަރަޙައްދުގެ މަސްރަޙު ހަމައަކަށް އެޅި ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، ދަތުރު ކުރާނެ އައު ތާރީޚެއް ފަސިންޖަރުންނަށް އަންގާނެ ކަމަށް ވެސް އެ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.