ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިންގެ އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ މޯލްޑިވިއަންގެ ދަތުރުތަކާއި ޚިދުމަތްތައް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ އެއާލައިނުން ބުނެއެވެ.

ބެއިޖިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައިދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާމަން އަޙުމަދު ޝަފީޢުއާއި، މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.

އިޝްތިހާރު އިޝްތިހާރު

ޗައިނާއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓެވެ. މިއަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެއަށް 327,531 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ %19 އެވެ.

މޯލްޑިވިއަންއިން އަންނަނީ އެ އެއާލައިންގެ ފްލީޓުގައި ހިމެނޭ އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ބެއިޖިން އާއި ޝަންހާއީ ހިމެނޭހެން ޗައިނާގެ 3 ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ. އެ އެއާލައިނުން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑެވެ.

މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެއާލައިންގެ ހަރަކާތްތައް ވަރުގަދަކޮށް، އެ ގައުމުގެ ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މޯލްޑިވިއަންއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި އޮފީހުގެ ސަބަބުން ބޮޑު ބާރަކަށް ވާނެ ކަމަށް ގައުމީ އެއާލައިނުން ބުންޏެވެ.