މެދުއިރުމަތީގައި ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް މައްކާ ޑިފެންސް ޕެކްޓްގައި ހިމެނޭ ސައުދީ އަރަބިއްޔާ، ތުރުކީ، ޕާކިސްތާނުގެ އިތުރުން، އީރާނުގެ ދިފާއީ އެންމެ އިސް ވެރިންގެ މަޝްވަރާ ބައްދަލުވުމެއް އީރާނުގެ ވެރިރަށް ތެހެރާނުގައި ފަށައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަންނަވަނީ ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން އާލް ސުއޫދުއާއި، ޕާކިސްތާނު ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރުއާއި، ތުރުކީގެ ޖާސޫސީ ވެރިޔާ އިބްރާހިމް ކާލިންއާއި، އީރާނުގެ ގައުމީ ސަލާމަތާބެހޭ ވެރިޔާ މޭޖަރ ޖެނެރަލް މުހްސިން ރިޒާއީއެވެ.
މިއީ، މައްކާ ޑިފެންސް ޕެކްޓްގައި ހިމެނޭ ތިން ގައުމާއި، އީރާނާ ދެމެދު މިފަދަ މަޝްވަރާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މަޝްވަރާ ބައްދަލުވުމާ ގުޅޭގޮތުން ސައުދީ ސަރުކާރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދުގައި އަސްކަރީ ކުރިމަތިލުންތަކެއް އަލުން ފެށިގެން ނުދިއުމަށްޓަކައި ވާހަކަ ދައްކާނޭ މަގުތަކެއް ހުޅުވިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ސައުދީ އަރަބިއްޔާއިން ދެކޭ ކަމަށެވެ.
އަދި އަސްކަރީ ކުރިމަތިލުންތައް ނިމުމަކަށް ގެނެސް، ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ކަށަވަރުކޮށްދޭ އެއްބަސްވުމަކަށް މަގުފަހިކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، ސައުދީ، ތުރުކީ، ޕާކިސްތާ އަދި އީރާނުގެ ދިފާއާގުޅޭ އިސްވެރިންގެ މި ބައްދަލުވުމަކީ ސަރަހައްދުގެ ސަލާމަތާގުޅޭ މެކޭނިޒަމެއް އެކަށައެޅުމަށްޓަކައި އެކަމުގެ މަޝްވަރާތައް ފެށުމާ ގުޅޭގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން އީރާނަށް ވަޑައިގެންނެވިއިރު، އީރާނު ގަބޫލުކުރަމުން އައިސްފައިވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އުދުވާނުގައި ސައުދީ އަރަބިއްޔާއަކީ ބައިވެރިއެއް ކަމަށެވެ. އެއީ، އީރާނަށް ހަމަލާދޭން ސައުދީ ސަރަހައްދުތައް ބޭނުންކުރުމުގެ ހުއްދަ ދީފައި އޮތުމުންނެވެ.
އަނެއްކޮޅުން، ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ އެކި ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން ގެންދާއިރު، ސައުދީ އަރަބިއްޔާއިން ތުހުމަތު ކުރަނީ ހޫޘީންނަށް އެހީވެދީ މަދަދު ދެމުން ގެންދަނީ އީރާނުން ކަމަށެވެ.
ސައުދީ، ތުރުކީ، ޕާކިސްތާން، އީރާނުގެ ދިފާއީ އެންމެ އިސް ވެރިންގެ މަޝްވަރާ ބައްދަލުވުމެއް ތެހެރާނުގައި ފަށައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.