ތ.ވިލުފުށީގައި ސަރުކާރުން ތަރައްޤީ ކުރާ ހައުސިން ޔުނިޓުތަކަށް އެދި ހުށައެޅި ފަރާތްތަކުގެ ފޯމުތައް ރިވިއުކޮށް ނިންމާ، ޕޮއިންޓް ދީފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެމީހަކަށް ލިބުނު ޕޮއިންޓް ބެލޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ވިލުފުއްޓަކީ، 1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.

ތ.ވިލުފުށީގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށާފައިވަނީ، 2014ވަނަ އަހަރުއެވެ. ނަމަވެސް ކޯޓު މަރުޚަލާތަކަކާ ގުޅިގެން އެ މަސައްކަތަށް 5 އަހަރުގެ ހުއްޓުމެއް އައުމަށްފަހު އަލުން ފެށީ، 2019ވަނަ އަހަރުއެވެ.

މި މަޝްރޫޢުގައި ތަރައްޤީ ކުރާ ރޯހައުސްތަކުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މި ޔުނިޓުތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލީ، މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށެވެ. އެކަމަށް 200 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލިއެވެ.

ސަރުކާރުން ކަނޑައަޅާފައި އޮތް އުސޫލުގެ ދަށުން ފްލެޓަށް ކުރިމަތިލާ މީހުންނަށް ޕޮއިންޓް ދޭނީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުގެ ދަށުންނެވެ. އަދި ފޯމުތައް ރިވިއުކުރަނީ، ވުޒާރާއާއި ރަށުން ހޮވާލެވޭ ޓީމެއް ހިމެނޭހެން އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ކޮމިޓީއަކުންނެވެ.

ގެދޮރުވެރިކަމާ ގުޅޭ ވުޒާރާއިން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، ތ. ވިލުފުށީގައި އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ އެއްގޮތަށް ފޯމުތައް ވެރިފައިކޮށް ނިމިފައިވާ ކަމަށެވެ. އަދި ފޯމު ހުށަހެޅި ފަރާތްތަކުން ހިޔާވެހި ޕޯޓަލަށް (hiyaavehi.housing.gov.mv) ލޮގިންވުމުން، ހުށަހެޅި ފޯމަށް ލިބިފައިވާ ޕޮއިންޓު މިހާރު ބެލޭނެ ކަމަށެވެ.

ލިބިފައިވާ ޕޮއިންޓާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ނުވަތަ އިތުރު ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައެޅޭނެއެވެ.

ޝަކުވާ ހުށައެޅުމަށް ރަސްމީ 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ޝަކުވާ ހުށައެޅުމުގެ ސުންގަޑިއަކީ، ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، މި މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

ހައުސިން ޔުނިޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރޭނީ ޝަކުވާތަކަށް ބެލުމަށްފަހުގައިކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރައިން ވިދާޅުވެއެވެ.

އިޝްތިހާރު އިޝްތިހާރު