މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި "ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026"ގައި ދިވެހި ޝެފް މަހާ ނަސީރަށް "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން" ލިބިއްޖެއެވެ.
ޝެފް މަހާ ނަސީރު ހޯދި މި ބައިނަލްއަޤުވާމީ ކާމިޔާބީއަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަމާއި ރާއްޖޭގެ ކާބޯތަކެތި ދުނިޔޭގެ ފެންވަރުގައި އިތުރަށް މަޤުބޫލުވެގެން ދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މަހާއަކީ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވަމުން ގެންދަވާާ، 2022ވަނަ އަހަރު "މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑް"އިން ދޭ "މާސްޓަރ ޝެފް"ގެ ލަގަބުވެސް ހާސިލުކުރައްވާފައިވާ ޝެފެކެވެ. މީގެއިތުރުން މަހާއަކީ، ބައިނަލްއަޤުވާމީ ސެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ސެފްސް ސޮސައިޓީ (ވެކްސް)ގެ ކޮންޓިނެޓަލް ޖަޖެކެވެ.
ވޯލްޑް ގޯމޭ މެލޭޝިއާއިން އިންތިޒާމު ކޮށްގެން ބާއްވާ މި އެވޯޑަކީ، ކަލިނަރީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ބަލައިގަތުމުގެ ގޮތުން 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
މި އަހަރުގެ ހަފްލާގައި ޝެފުންނާއި، ރެސްޓޯރެންޓުތަކާއި، ފުޑް ބްރޭންޑުތައް ހިމެނޭހެން ޖުމްލަ 108 ފަރާތަކަށް އެވޯޑު ދީފައިވެއެވެ. މި މަހުގެ 22 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔޭގެ މަޝްހޫރު ޝެފުންނާއި، ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފުންނާބުއުސް ގިނަ ފަރާތްތަކަކުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.