އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސްއޭ) ގައި ރާއްޖޭގެ އެލައިޑް އިންޝުއަރެންސަށް ޝަރަފްވެރި ދެ އެވޯޑެއް ލިބިއްޖެއެވެ.
ދެކުނު އޭޝިއާގެ 11 އިސްލާމިކް ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮކްޓޯބަރު މަހުގެ 20 ވީ އަންގާރަ ދުވަހު، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ޝެންގްރި-ލާ ގައެވެ. މި އެވޯޑް ހަފްލާގައި އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އެލައިޑް ތަކާފުލް އަށް "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ ޔިއަރ" ގެ އެވޯޑް ލިބިފައިވާ އިރު، ކަމަނާ ތަކާފުލް އަށް ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ ޔިއަރ" ގެ އެވޯޑް ލިބިފައެވެ.
ޔޫޓީއޯ އެޑިޔުކޮންސަލްޓް އިން "ބިލްޑިންގ ލެގަސީސް" މި ތީމްގެ ދަށުން އިންތިޒާމުކުރި މި ހަރަކާތުގައި ސިނާއަތުގެ މުހިންމު ފަރާތްތަކާއި، ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި، ދާއިރާގެ އެކި ސްޓޭކްހޯލްޑަރުން ބައިވެރިވެފައިވެއެވެ. މި އެވޯޑްސްގައި ސައުތު އޭޝިއާގެ އިސްލާމީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ކާމިޔާބީތައް ފާހަގަކުރެވުނެވެ.
އެ ކުންފުނިން ބުނީ މި އެވޯޑްތަކަކީ 2025 ވަނަ އަހަރު އެލައިޑްގެ މެނޭޖްމަންޓުން ތަކާފުލްގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. މީގެ ތެރޭގައި އެންމެ މުހިންމު މަސައްކަތަކީ، ކޮންވެންޝަނަލް ލައިފް އިންޝުއަރެންސްގެ ޕްރޮޑަކްޓްސް ވިއްކުން ހުއްޓާލައި، އޭގެ ބަދަލުގައި ފެމިލީ ތަކާފުލް އަކީ ލައިފް ޕްރޮޓެކްޝަންގެ ހައްލެއްގެ ގޮތުގައި ތައާރަފްކުރުން ކަމަށް އެލައިޑް އިންޝުއަރެންސުން ބުނެފައިވެއެވެ.
މި މަސައްކަތްތަކުގެ ސަބަބުންނާއި، ދިވެހިރާއްޖޭގެ މައިގަނޑު ސިޓީތަކުގައި ކުރެވުނު މާކެޓިން، ކަސްޓަމަރުންނަށް ތައުލީމު ދިނުމުގެ ހަރަކާތްތަކާއި، ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން 2024 އިން 2025 އަށް ތަކާފުލްގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އެލައިޑް ތަކާފުލް އަދި ކަމަނާ ތަކާފުލް ޕްރޮޑަކްޓްސް އަށް ލިބުނު މި ބޮޑު ކާމިޔާބީން ދައްކުވައިދެނީ، ތަކާފުލްގެ ހިދުމަތް ފުޅާކުރުމަށާއި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި އިސްލާމީ ފައިނޭންސްގެ ކުރިއެރުވުމަށް އެލައިޑްގެ ދެމިހުރުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.