މިދިޔަ 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހައްޔަރުކުރުމުގައި އެ މެންބަރުގެ އިމްތިޔާޒަށް ފުލުހުން އަރައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިއީ އެ މެންބަރު އަމިއްލައަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައެކެވެ. ކޮމިޓީން އެކުލަވައިލި ރިޕޯޓުގައިވަނީ ފުލުހުން އަމަލުކުރި ގޮތުގެ ޓައިމްލައިނާއި ހޯދި މައުލޫމާތަށް ބަލާއިރު މެންބަރުގެ އިމްތިޔާޒަށް އަރައިގަތްކަން އެނގެން ނެތް ކަމަށެވެ.

މިއަދުގެ ޖަލްސާގައި މި ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 48 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 10 މެންބަރަކު ވަނީ ރިޕޯޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައިގައި މައުރޫފް ވިދާޅުވެފައިވަނީ ބޮޑުކަންނެލި މަސްވެރިން ކުރި މުޒާހަރާގައި ބައިވެރިވެވަޑައިގަތީ އެއީ ސުލްހަވެރި ހަރަކާތަކަށް ވާތީ ކަމަށެވެ. ނަމަވެސް އެ މުޒާހަރާގެ ތެރެއިން ފުލުހުން އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް އަދި ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިއީ ކަނޑައެޅިގެން މަޖިލިސް މެންބަރުންގެ ކަރާމަތަށް އަރައިގަތުން ކަމަށް ބަޔާންކޮށް މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންނެވި ނަމަވެސް، ކޮމިޓީގެ ދިރާސާއަށްފަހު ނިންމާފައިވަނީ އިމްތިޔާޒަށް އުނިކަމެއް އަންނާނެ ފަދަ އަމަލެއް ފުލުހުން ކޮށްފައިވާކަން ސާބިތުނުވާ ކަމަށެވެ.