އިންތިޚާބީ މަޤާމުތަކުގައި ތިބޭ ބައެއް ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ގޮތަށް ފާސްކުރީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ. މިއަދުގެ ކޮމިޓީގައި އިތުރު ކަންކަމުގެ ބައިގައި ދަޢުލަތުގެ މުސާރަތަކަށް ގެންނަންވާ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ.

އޭނާ ހުށަހަޅުއްވާފައިވަނީ ވަޒީރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރަށު ކައުންސިލަރުންގެ އެލަވަންސަށް ބަދަލުގެނަމަށެވެ. އެ ހުށަހެޅުމުގައި ވަނީ ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ، ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހެވެ.

އިޝްތިހާރު އިޝްތިހާރު

މަޖިލީހުގެ ރައީސްގެ އެލަވަންސް އިތުރުކުރުމަށް ހުށަހަޅުއްވާފައިވަނީ މިހާރު މަޖިލީހުގެ ރައީސަށް 73،125 ރުފިޔާ ލިބިވަޑައިގަންނަވާތީ، މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމަށްޓަކާ ކަމަށް ހުށަހެޅުމުގައިވެއެވެ. މިހުށަހެޅުމުގައި ވަނީ މަޖިލީހުގެ ރައީސަށް ލިބިދޭ އެލަވަންސަށް 22،000 ރުފިޔާ އިތުރުކުރުމަށެވެ. މިއާއެކު މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މިބަދަލުގެ ބޭނުމަކީ މުސާރައިގެ ފަރަގު ނައްތާލުންކަމަށް ފާހަގަކުރައްވާފައިވެއެވެ.

މިހާރު އޮންނަ ގޮތުންނަމަ މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ. ކައުންސިލް ރައީސަށް 25،000 އަދި ނައިބު ރައީސުންނަށް 20،000، މެމްބަރުންނަށް 18،000 ލިބެއެވެ. ރަށު ކައުންސިލްގެ ރައީސުންނާއި ނައިބު ރައީސުންނާއި ކައުންސިލަރުންނަށް ވެސް އެލަވަންސެއް އިތުރުކުރަން ކޮމިޓީއަށް ހުށަހެޅިއެވެ. ކޮމިޓީއަށް ހުށަހަޅާފައި ވަނީ އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ އިތުރުކުރުމަށެވެ.

ވަޒީރުންނަށް ލިބޭ މުސާރައަކީ މިނިވަން މުޢައްސަސާތަކާއި ޖުޑީޝަރީގެ ބޭފުޅުންނަށް ވުރެ ބޮޑު މުސާރައަކަށްވާތީ ކޮމިޓީއަށް ހުށަހެޅީ ވަޒީރުންގެ މުސާރައަށް ބަދަލު ގެނައުމުގެ ބަދަލުގައި ޕެޓްރޯލް އެލަވަންސަށް 2000 ރުފިޔާ ޑްރައިވަރުންގެ މުސާރައަށް 12،000ރުފިޔާ ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3000 ރުފިޔާ ދިނުމަށެވެ.

މިތަފްސީލްތައް އިދާރީ މޭޒުން އިއްވަވާދެއްވުމުން އެ ހުށަހެޅުން ކޮމިޓީއަށް ހުށަހަޅުއްވައިދެއްވީ ފުނަދޫ ދާއިރާގެ މެމްބަރު މަމްދޫހުއެވެ.

އެ ހުށަހެޅުމާ ދެކޮޅަށް ވާހަކަދެއްކެވި ހަމައެކަނި މެމްބަރަކީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. އޭނާ ވިދާޅުވީ މިއީ އެއްވެސް ބައެއްގެ މުސާރަ ބޮޑުކުރަން ރަނގަޅު ދަނޑިވަޅެއް ނޫންކަމަށެވެ.