ރައްޔިތުންގެ މަޖިލީހަށް އެއް މައުޟޫއެއްގައި އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ގެނައި ބަދަލަކީ އާއްމުންނަށް ވީހާވެސް ގިނަ ފުރުސަތު ހޯދައިދިނުމަށް ގެނެވުނު ބަދަލުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ގާއިމުކުރެވުނު އީ-ޕެޓިޝަނުގެ ނިޒާމުގެ ތެރެއިން ފުރަތަމަ ފަހަރަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުން ލާޒިމުވާ މިންވަރަށް ސޮއި ހަމަކުރެވުނު ދެ ޕެޓިޝަނަށް ބަހުސްކުރަން މިއަދު މަޖިލީހުގައި ތާވަލުކުރުމުން ޕެޓިޝަނުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގޯސްކޮށް ގެނައި އިސްލާހެއްކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ފާޑުވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވުނު ދެ އީޕެޓިޝަނަކީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް ސަރުކާރުން ހިންގަން ބޭނުންވާ މުހިއްމު މަޝްރޫއުތައް ހިންގުމަށްޓަކައި ބޭނުންވާ ބިންތައް ވަޒީރުންގެ މަޖިލީހުން ނިންމަަވައިގެން ކައުންސިލުގެ އިހުތިސާސުން ވަކިކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނަަކާއި އެ އިސްލާހު ބޭރުކުރުމަށް ހުށަހަޅާފައިވާ ޕެޓިޝަނަކެވެ.

އިޝްތިހާރު އިޝްތިހާރު

އެއް މައުޟޫއެއްގައި ދެ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ވަކި ޕާޓީއަކަށް ނާޖައިޒު މަންފާއެއް ހޯދައިދޭން ގެނައި އިސްލާހެއްކަމަށް ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމު ވިދާޅުވުމުން އަބްދުއްރަހީމް ވިދާޅުވީ އެއްކަމެއްގައި ދެ ވިސްނުމެއް ރައްޔިތުންގެ މެދުގައި އޮންނަ ހާލަތުގައި އެ ވިސްނުންތައް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ގަވާއިދަށް ގެނައި ބަދަލު ލިބިގެންދާ ކަމށެވެ.

"ހައްތަހާވެސް އަޅުގަނޑުމެން މި ބަލަނީ ރައްޔިތުންނަށް ދެވޭ ފުރުސަތު އިތުރުކުރެވޭތޯ، ރައްޔިތުންގެ މަޖިލިސް ކަމަށް ވާތީ ރައްޔިތުންގެ މަޖިލީހުން މި މަސައްކަތްކުރަނީ ވީހާވެސް ބޮޑަށް ފުރުސަތު ދެވޭތޯ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ބަހުސްކުރެވުނު ދެ ޕެޓިޝަނަށް ބަލާއިރު ބިލު ފާސް ނުކުރުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނަށް 2،300 އަށް ވުރެ ގިނަ ސޮއި ލިބުންއިރު ބިލު ފާސްކުރުމަށް ގޮވާލައި ހުށަހެޅި ހުށަހެޅި ޕެޓިޝަނަށް 10،150 ސޮއި ވަނީ ހަމަވެފައެވެ.

އެހެންކަމުން ދެ ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ޖެހޭ ވަރަށް ސޮއި ލިިބިފައިވާތީ ރޭ ބޭއްވި މަޖިލީހުގެ އާއްމު ކޮމިޓީން ނިންމީ ކޮންމެ ޕެޓިޝަނަކަށް ގަޑިއިރެއްގެ ވަގުތު ބަހުސްކުރުމަށެވެ. މިއަދު މަޖިލީހުގެ ތަޅުމުގައި މި ދެ ޕެޓިޝަނާމެދު ކުރެވުނު ބަހުސަކީ މިހާތަނަށް މަޖިލީހަށް ހުށަހެޅުނު އީ-ޕެޓިޝަނަކާމެދު މަޖިލީހުގެ ތަޅުމުގައި ކުރެވުނު ބަހުސެވެ.