ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ޑިޕްލޮމެޓުންނާއި އެ މީހުންގެ އާއިލާތަކުން ރާއްޖޭގައި ޓެކްސް ދައްކަން ނުޖެހޭ ގޮތަށް އަދި އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ މައާފުވާ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އިމްތިޔާޒުތަކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށެވެ. މިއީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވި ބިލެކެވެ.

މި ބިލު މިހާރު ވަނީ 43 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ބިލުގައިވާ ގޮތުން ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާއި އެތަންތަނާ ގުޅުންހުރި ފަރާތްތަކުން ރާއްޖޭގައި ޖީއެސްޓީ ދައްކާކަށް ނުޖެހޭނެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން އެ ފަރާތްތަކުން ރާއްޖޭގައި ދިރިއުޅުމަށް އެތެރެކުރާ މުދަލާއި، ރަސްމީ ބޭނުމަށް ގެންނަ މުދަލުން ވެސް އިމްޕޯޓް ޑިއުޓީ އާއި ޓެކްސް ނުނެގުމަށް ބިލުގައި ކަނޑައަޅާފައިވެއެވެ. އެކަމާ ބެހޭ އިޖުރާއާތުތައް ކަމާބެހޭ އިދާރާތަކުން ގުޅިގެން އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެހެން ނަމަވެސް، އެގޮތަށް ޑިއުޓީ މައާފުކޮށް އެތެރެކުރާ މުދާ އެހެން ފަރާތަކަށް ވިއްކާލާނަމަ ނުވަތަ ދޭނަމަ، އެއަށް ޑިއުޓީ ދައްކަންޖެހޭ ގޮތަށް ހަރުދަނާ އުސޫލުތަކެއް ވަނީ ހިމަނާފައެވެ. އަދި އެއް ބާވަތެއްގެ މުދާ ތަކުރާރުކޮށް އެތެރެކޮށްފިނަމަ، އެއަށް ދެވަނަ ފަހަރު ޑިއުޓީން އިސްތިސްނާ ނުލިބޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލަކީ ރާއްޖޭގެ ހާރިޖީ ގުޅުންތައް ބަދަހިކޮށް، ބޭރުގެ މިޝަންތަކަށް ގާނޫނީ ހިމާޔަތާއި އިމްތިޔާޒުތައް ދިނުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް އަމަލުކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް މަޖިލީހުގެ ބަހުސްގައި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.