އަންނަ މަހު އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން، ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ. މި ދަތުރުގައި ފަލަސްޠީނު ޓީމު ކ. ގުރައިދޫގައި ކޭމްޕު ކުރި ނަމަވެސް، ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅޭ ދެ އެކުވެރިކަމުގެ މެޗު ތާވަލުކޮށްފައި ވަނީ މާލޭގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

ފަލަސްޠީނު ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވާ އަންގާރަ ދުވަހުއެވެ. އެފްއޭއެމް އިން ދޭ މައުލޫމާތުތަކަށް ބަލާއިރު، މި ކޭމްޕުގެ ތެރެއިން ފަލަސްޠީނު ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާއިރު، ދެވަނަ މެޗު އަންނަ ނޮވެމްބަރު މަހުގެ 2 ވާ ހޮނިހިރު ދުވަހު ކުޅޭނެއެވެ.

އެފްއޭއެމް އިން ބުނީ މި މެޗުތަކަކީ ކޮލިފައިންގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ޒުވާން ޓީމަށް ބައިނަލްއަޤްވާމީ މުހިންމު ތަޖުރިބާތަކެއް ލިބި، ދެ ޤައުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މެޗުތަކެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި ކޭމްޕު އިންތިޒާމުކުރުމުގައި ދިވެހި ސަރުކާރުންނާއި ގުރައިދޫ ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދީފައިވާކަން ފާހަގަކޮށް، އެފްއޭއެމް އިން ވަނީ އެފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. ކޭމްޕު ނިންމާލުމަށްފަހު ފަލަސްޠީނު ޓީމު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކޭމްޕު ކުރަނީ މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް އެ ޓީމު ވަނީ ރާއްޖޭގައި ކޭމްޕުކޮށްފައެވެ. އެފަހަރު ވެސް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އެހީތެރިކަމާއެކު މިފަދަ ދެ އެކުވެރިކަމުގެ މެޗެއް ގަލޮޅު ދަނޑުގައި ކުޅެފައިވެއެވެ. އެ މެޗުތައް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް ދިޔަކަން ފާހަގަކޮށްލެވެއިރު، އެ ދެމެޗުންވެސް މޮޅުވެފައިވަނީ ފަލަސްޠީނު ޓީމެވެ.