އިސްތިއުމާރީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް މިއަދު ދިން އުދުވާނީ ހަމަލާތަކުގައި 6 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ މިއަދު ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
މި ހަމަލާތަކުގައި އިތުރު އެތައް ބަޔަކު ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވެއެވެ.
ޣައްޒާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ޝަހީދުކޮށްލާފައިވާ 6 މީހުންގެ ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެނެސްފައި ވާއިރު، ޒަޚަމްވި މީހުންގެ އަދަދު 25 އަށް އަރާފައި ވެއެވެ.
އިސްތިއުމާރީ ސިފައިންވަނީ، ޣައްޒާގެ މެދުތެރޭ މަގާޒީ ރެފިއުޖީ ކޭމްޕްގައި ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ޓެންޓުތަކަށްވެސް ބަޑީގެ ހަމަލާތައް ދީފައެވެ.
މި ހަމަލާތަކުގައި އުމުރުން އެންމެ 7 އަހަރުގެ މިސްކް ހާޒިމް ނަމަކަށްކިޔާ އަންހެންކުއްޖަކު ޓެންޓުގައި ނިދަން އޮއްވައި ވަނީ ޝަހީދު ކޮށްލާފައެވެ.
ހާލުގައި ޖެހިފައިވާ އާއިލާތައް ދިރިއުޅޭ ޓެންޓުތަކަށް ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި ބަޑިޖެހުމަކީ އިސްތިއުމާރީ ޓެރަރިސްޓުން "މަޖަލަކަށް" ކުރާ ކަމެއް ކަމަށް ވެއެވެ. މިގޮތަށް ދޭ ހަމަލާތަކުގައި މިހާތަނަށްވެސް އެތައް ކުދީންނާއި އާންމުން ޝަހީދު ކޮށްލާފައި ވެއެވެ.
ޣައްޒާގެ އުތުރުގެ ބައިތު ލާހިޔާގައިވެސް އިސްތިއުމާރީ ސިފައިން މިއަދުވަނީ ފަލަސްތީނު ސްކޫލް ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ. އެ ކުއްޖާގެ ގަޔަށް ބަޑިޖަހާފައިވަނީ ޓެންޓުގައި ހުއްޓާ ކަމަށް ޚަބަރުތައް ބުނެއެވެ.
ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިފަހުން އެކަނިވެސް މިހާތަނަށް އިސްތިއުމާރީ ސިފައިން ޣައްޒާއިން 1،517 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. ޒަޚަމް ކޮށްލި މީހުންގެ އަދަދު 5،400 އަށް އަރާފައި ވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 އިން ފެށިގެން އިސްތިއުމާރީ ސިފައިން ޣައްޒާއިން މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 74،475 އަށް އަރާފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދު 175،517 އަށް އަރާފައި ވެއެވެ.
ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.