މިއަދު ހެނދުން ފެށިގެން އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 5 މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާތަކުގައި އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ހާމަކޮށްފައި ވެއެވެ.
އިސްތިއުމާރީ ސިފައިން ހަމަލާދީ މިއަދު ދެމީހަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ މެދުތެރޭ އަލް ބުރެއިޖް ރެފިއުޖީ ކޭމްޕަށް ދިން ޑްރޯން ހަމަލާއެއްގައެވެ.
ނުސައިރަތު ރެފިއުޖީ ކޭމްޕް ކައިރިއަށް ޑްރޯން ހަމަލާއެއްދީވެސް އެކަކު ޝަހީދުކޮށްލާފައި ވެއެވެ.
އިތުރު މީހުން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ އެހެން ހިސާބުތަކުގައި ހިންގަމުންގެންދާ އުދުވާނުގައެވެ.
އިސްތިއުމާރީ ސިފައިން ގެންދަނީ، ބުރެއިޖް ކޭމްޕާއި، ނުސައިރަތު ކޭމްޕް ކައިރިއަށް ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށް އެތައް ޖަރީމާތަކެއް ހިންގަމުންނެވެ.
އެ ކޭމެޕްތައް ކައިރިއަށް ވަރުގަދަ ހަމަލާތަކެއްދީ، އެތައްހާސް އާންމުން އެމީހުން ދިރިއުޅެމުންދިޔަ ގެދޮރާއި އަދި ޓެންޓުތަކުން ނެރެ ފައްސަމުންވެސް އެބަ ގެންދެއެވެ.
ޚާއްސަކޮށް ޣައްޒާގެ މެދުތެރޭ އެކި ހިސާބުތަކުން މަގެއްމަތިން މީހަކު ފެނުނަސް އިސްތިއުމާރީ ޓެރަރިސްޓުން އެމީހުންގެ ގަޔަށް ބަޑިޖަހަމުންދާ ކަމަށް ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
ނުވިތާކަށް، ޑްރޯންއާއި ބޮޑުބަޑި ބޭނުންކޮށްގެންވެސް ހަމަލާތައް ދެމުންގެންދާއިރު، ޣައްޒާގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދި އިސްތިއުމާރީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކުން ގެތަކާއި އިމާރާތްތައް ގޮއްވަމުން ގެންދާ ކަމަށްވެސް، ޣައްޒާ މީޑިއާ ވަސީލަތްތަކުން ބުނެއެވެ.
ވިއްސާރައާއި، ފެންބޮޑުވުމާއި، ގަދަފިނީގެ ސަބަބުން ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އިންސާނީ އެހީ އެތެރެކުރަން ދުނިޔެއިން ގޮވާލަން ފެށުމުން އިސްތިއުމާރީ ސިފައިން ފެށީ، ޣައްޒާގެ މެދުތެރޭގައި އަސްކަރީ ވަރުގަދަ އުދުވާނުތަކެއް ހިންގުމަށެވެ.

އިޝްތިހާރު އިޝްތިހާރު