ޑްރޯން ހަމަލާތަކާއި، ބޮޑުބަޑީގެ ހަމަލާތައް ދެމުން އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގައި ބޮޑު އުދުވާނެއް ފަށައިފިއެވެ.
އަސްކަރީ "އޮޕަރޭޝަނެއްގެ" ނަމުގައި އުދުވާނުތައް ފަށާފައިވަނީ ޣައްޒާގެ މެދުތެރޭ ތިން ސަރަހައްދެއްގައެވެ. އުދުވާނު ހިންގަމުންގެންދަނީ އެމީހުން ކަނޑައަޅާފައިވާ ޔެލޯލައިންގެ ހުޅަނގު ފަޅީގައެވެ.
މި އުދުވާނު ހިންގަމުން، ނުސައިރަތު ރެފިއުޖީ ކޭމްޕްގެ އިރުމަތިން އަދި އަލް ބުރައިޖް ރެފިއުޖީ ކޭމްޕްގެ އުތުރުން ސަލާހުއްދީން ސްޓްރީޓާ ދިމާއަށް ޓޭންކްތަކާއެކު އިސްތިއުމާރީ ސިފައިން ކުރިއަށް ޖެހެމުންދާ ކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
ޓެރަރިސްޓު ފައުޖުތައް ކުރިއަށް ޖެހެމުން، ޑްރޯންއާއި، ބޮޑުބަޑީގެ ހަމަލާތައް ދިނުމުގެއިތުރުން، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބަޑީގެ ހަމަލާތައްވެސް ދެމުންގެންދާ ކަމަށް، ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.
އެކަމާހެދި އާންމުން ސަލާމަތް ހޯދުމަށް އެކި ދިމަދިމާއަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޚަނަރުތައް ބުނެއެވެ.
ނުސައިރަތު ކޭމްޕާއި، ބުރައިޖް ކޭމްޕާ ދެމެދު ދިރިއުޅެމުންދާ ފަލަސްތީނު އެތައްހާސް އާންމުން އެމީހުން ދިރިއުޅެމުންދާ ޓެންޓުތަކާއި ޖިފުޓައް ދޫކޮށް ދިއުމަށް އިސްތިއުމާރީ ޓެރަރިސްޓުން އިންޒާރު ދެމުންވެސް އެބަ ގެންދެއެވެ.
މިއީ، ހަމަލާތައް ހުއްޓާލުމަށް މިދިޔަ އަހަރު އެއްބަސްވުމެއް ހެދިފަހުން ޣައްޒާގެ މެދުތެރޭގެ ހިސާބުތަކުން އާންމުން ދުރަށް ދިއުމަށް އިސްތިއުމާރީ ސިފައިން އަމުރުކުރި ފުރަތަމަ ފަހަރެވެ.
އިސްތިއުމާރީ ސިފައިން ފެށި އަސްކަރީ އުދުވާނު ހަމާސްއިން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
އަދި ނުހަނު ހިތްދަތި ހާލަތުގައި ތިބި އާންމުން އެމީހުން ދިރިއުޅޭ ސަރަހައްދުތަކުން ފައްސާލުމަށް ކުރަމުންދާ މަސައްކަތްތަކީ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި އަދި މިއީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާ ކަނޑައެޅިގެން ޚިލާފް ޖަރީމާތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.
އާންމުން އެމީހުން ދިރިއުޅޭ ޓެންޓުތަކުން ބޭރުކޮށް ޣައްޒާގެ ބިމުގެ ކުޑަ ސަރަހައްދަށް ތޮއްޖެއްސުމަކީ އެމީހުންގެ ހާލަތު އިތުރަށް ގޯސްވެގެންދާނޭ ކަމެއް ކަމަށްވެސް، ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ޣައްޒާގައި ވަރުގަދަ އަސްކަރީ އުދުވާނެއް، ޑްރޯންއާއި ބޮޑުބަޑީގެ ހަމަލާތައްދެމުން ކުރިއަށްޖެހި އާންމުން ފައްސަނީ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.