ދެފުށް ފެންނަ، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ރިއަލް އެސްޓޭޓްގެ ވިޔަފާރީގެ ބިލު" މަޖިލީހަށް ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 42 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާނެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ މި ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވައި، ދައުލަތަށާއި ރައްޔިތުންނަށް މި ސިނާޢަތުން އެންމެ އެދެވޭ މަންފާ ހޯދައިދިނުމެވެ.
މި ބިލުގައި ރިއަލް އެސްޓޭޓް ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، ޑިވެލޮޕަރުން ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި، އެ ފަރާތްތަކުގެ ޒިންމާތަކާއި ޙައްޤުތައް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، މިފަދަ މަޝްރޫޢުތަކުން ގެދޮރާއި ޢިމާރާތްތައް ގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި މަސްލަހަތު ރައްކާތެރިކުރުމަށާއި، މި ވިޔަފާރީގެ އެންމެހައި މުޢާމަލާތްތައް މޮނިޓަރކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނުގެ ދަށުން ރިއަލް އެސްޓޭޓްގެ ވިޔަފާރިތައް ވިލަރެސްކޮށް ރެގިއުލޭޓް ކުރުމަށްޓަކައި، ކަމާބެހޭ ވުޒާރާގެ ދަށުން ހިނގާ ދައުލަތުގެ ވަކި އިދާރާއެއްގެ ގޮތުގައި "ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ. މި އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް މަޝްރޫޢުތައް ރަޖިސްޓްރީކުރުމާއި، ޑިވެލޮޕަރުންނާއި އޭޖެންޓުން ދަފްތަރުކޮށް، އެ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.
މީގެއިތުރުން، "އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން" ތައް ކަނޑައަޅައި ހިންގުމުގެ އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ކަނޑައެޅޭ ޒޯންތަކުން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސް ރޭޓުގައެވެ. އަދި މިފަދަ ޒޯންތަކުގައި މާސްޓަރ ޑިވެލޮޕަރުގެ ޚަރަދުގައި ގިނަ ޢުމްރާނީ ވަސީލަތްތަކެއް ޤާއިމުކުރަން ލާޒިމުކޮށްފައިވެއެވެ. އޭގެ ތެރޭގައި:
-
ޓާޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލެއް
-
އެކަށީގެންވާ ފެންވަރެއްގެ މިސްކިތްތައް
-
ޝޮޕިންގ ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި ރެސްޓޯރެންޓުތައް
-
ޕާކުތަކާއި، ހުސް ޖާގަތައް އަދި މުނިފޫހިފިލުވުމަށް ބޭނުންވާ އެހެނިހެން ޢާންމު ވަސީލަތްތައް
މަޖިލީހަށް މި ބިލު ބަލައިގަތުމާ ގުޅިގެން، އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.