ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނު އިސްލާޙުކުރުމަކީ އިސްރާއީލާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތު ސާފުކޮށް ހާމަކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބައެއް މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މިހާރު އަމަލުކުރަމުންދާ އިމިގްރޭޝަންގެ ގާނޫނުގައި އިސްރާއީލް ޕާސްޕޯޓުގައި މީހުން އެތެރެވުން މަނާކުރެވެނީ ވަކި ހާލަތްތަކަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. ނަމަވެސް، އަލަށް ހުށަހެޅުނު އިސްލާހުގެ ދަށުން، އެއްވެސް ޝަރުތަކާ ނުލައި މުތުލަގަށް އިސްރާއީލް ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް ކަނޑައެޅިގެންދާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ރާއްޖެއަށް އިސްރާއީލު މީހުން އައުން ހުއްޓުވުމަށް ދީނީ އިލްމުވެރިންނާއި ރައްޔިތުން އެދެމުންދިޔައިރު ވެސް ކުރީ ސަރުކާރުން އެކަމުގައި އެކި ބަހަނާތައް ދެއްކި ކަމަށެވެ. އަދި މި ސަރުކާރާއި މިހާރުގެ މަޖިލީހުން އެ ފިޔަވަޅު އަޅައި، އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވީ، ރައްޔިތުން ތަކުރާރުކޮށް އެދެމުންދިޔަ މި މުހިންމު ނިންމުން ނިންމަން ކެރުނީ މިހާރުގެ ސަރުކާރަށާއި ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް ކަމަށެވެ. މީގެއިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ، އިމިގްރޭޝަން ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަންކަން ކަމަށާއި، ބިލުގެ މަގުސަދު އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ.
އަނެއްކޮޅުން، މި ބިލާ ދެކޮޅަށް ވާހަކަދެއްކެވި ބައެއް މެންބަރުން ވަނީ ގާނޫނުތަކަށް ކައިރިކައިރީގައި އިސްލާހުތައް ގެނައުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، "މޯލްޑިވްސް އިމިގްރޭޝަން" ގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ގާއިމުކޮށް، އެ ޚިދުމަތް ހިންގުމުގެ އުސޫލުތައް އެކަށައެޅުމެވެ. އަދި ރާއްޖެއަށް އެތެރެވުމާއި ފުރުމުގެ އުސޫލުތަކާއި، ދިވެހިންނަށް ޕާސްޕޯޓް ދޫކުރުމުގެ ކަންކަމާއި، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް ފަރާތްތަކާމެދު ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އިމިގްރޭޝަންގެ އުސޫލުތައް ގާނޫނީ ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ތަރުތީބުކުރުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.