ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޛުކުރުމާ ގުޅޭ ޚާއްޞަ އުޞޫލުތަކާއި އިޖުރާއާތުތައް ބަޔާންކުރާ ބިލު، ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލު ބަލައިގަންނަން ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ.
މި ބިލު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށް، އާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ޙައްޤުތައް ޙިމާޔަތްކުރެވޭނެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމެވެ. އަދި ޝަރުޢީ މަރުޙަލާތައް ނިމި، މަރުގެ އަދަބު ކަނޑައެޅުމަށްފަހު އެ އަދަބު ތަންފީޛުކުރާނެ ހާމަކަން ބޮޑު، ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމެވެ.
ބިލުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، މިފަދަ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭނެ އިޖުރާއާތުތައް ހިމެނެއެވެ. އެގޮތުން، ވާރިޘުންގެ އިއްތިފާޤުވުމާއި، ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަވުމާއި، އަދުލުވެރި ޝަރީޢަތެއް ކަށަވަރުކުރުމުގެ އިތުރުން ދަޢުވާލިބޭ މީހާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން، މަރުގެ އަދަބު ކަނޑައެޅޭ މީހާއަށް ލިބިދޭ ޙައްޤުތަކާއި، ދަޢުލަތުން ފުރިހަމަކުރަންޖެހޭ ޒިންމާތަކުގެ އިތުރުން، ބައެއް ޙާލަތްތަކުގައި މަރުގެ އަދަބު ތަންފީޛުކުރުން މަނާވާނެ ސަބަބުތައްވެސް މި ބިލުގައި ވަރަށް ތަފްޞީލުކޮށް ވަނީ ބަޔާންކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.