ރާއްޖޭގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތަށް މަރުގެ އަދަބު ތަންފީޒު ނުކުރެވި އޮތީ މީގެކުރިން ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ކިބައިގައި އެ ހިތްވަރާއި ކެރުންތެރިކަން ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ޤާނޫނުއަސާސީ ވުޖޫދުވި ފަހުންވެސް އިސްލާމީ ޙުކުމްތައް ތަންފީޒުނުކޮށް ދޫކޮށްލުމުގެ ސަބަބުން، ޒުވާނުން އެކަކު އަނެކަކަށް ހަމަލާދީ މަގުމަތީގައި މީހުން މެރުމުގެ ބިރުވެރި އެތައް ހާދިސާތަކެއް ހިނގައި ޤައުމުގެ އަމާންކަން ގެއްލިގެން ދިޔަ ދުވަސްތަކެއް ތަޙައްމަލުކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރު ޤައުމުތަކުން ލިބޭ އެހީ މެދުކެނޑިދާނެތީ ނުވަތަ ޚާރިޖީ ގުޅުމަކަށް ބުރޫއަރައިފާނެތީ ދީނީ ޙުކުމްތަކަށް ފުރަގަސްދީގެން ނުވާނެކަން ފާހަގަކުރައްވަމުން، ޝުޖާއު ވިދާޅުވީ ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުން އެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް، އެކަން ކުރަން ފަސްޖެހުނީ ވެރިންގެ ފިނޑިކަމުން ކަމަށެވެ. އަދި 2013 އިން ފެށިގެން 2023 އާ ދެމެދު މީހުން މެރުމުގެ ޖަރީމާތައް އިންތިހާއަށް އިތުރުވެގެން ދިޔައީވެސް އިލާހީ ޙުކުމްތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މި އަދަބު ތަންފީޒުކުރުމަށް މަޖިލީހަށް ބިލެއް ހުށަހެޅިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިގައި އެ ކެރުންތެރިކަން ހުރުމުން ކަމަށާއި، މި ސަރުކާރުން ޤާނޫނުގެ ވެރިކަން ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގެ މަގުތަކަކީ އަމާން، ސުލްހަވެރި ތަނަކަށް ބަދަލުވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއުގެ ވާހަކަފުޅުގައި، މަރުގެ އަދަބު ކަނޑައަޅައި ތަންފީޒުކުރެވޭނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުށް އެއްވެސް ޝައްކެއްނެތް މިންވަރަށް ޘާބިތުވެގެން ކަމަށާއި، ތަންފީޒީ މަރުޙަލާގައިވެސް މަރުވި މީހާގެ ވާރިސަކު މަޢާފުދީފިނަމަ އެ ޙުކުމް ތަންފީޒު ނުކުރެވޭނެކަން ބަޔާންކުރެއްވިއެވެ. އަދި ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމުގައި ދިމާވާ މައްސަލަތަކަށް ރިޢާޔަތްކޮށް، ރާއްޖޭގައި މި އަދަބު ތަންފީޒުކުރުމުގައި ދަންޖެއްސުމުގެ ގޮތް އިޚްތިޔާރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.