ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ޤާނޫނީ ގޮތުން ހިމާޔަތްކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 4 މެންބަރަކު ވޯޓު ދެއްވި އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ 7 މެންބަރަކު ތިއްބެވިއެވެ. މަޖިލީހުގެ ތަޅުމުން މި ބިލު ބަލައިގަތުމާ ގުޅިގެން، އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ނިމިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ފުރިހަމައަށް ކަށަވަރުކޮށްދިނުމެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މީހުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު ހަމަހަމަ އިންސާފުވެރި އުޞޫލުތަކެއް ޤާއިމުކުރުމާއެކު، އަބުރަށް އުނިކަން އަންނަ ފަދަ ވާހަކައެއް ދެކެވިއްޖެ ހިނދެއްގައި އެކަމުގެ ޙަޤީޤަތް ބަޔާންކުރުމާއި ރައްދުދިނުމުގެ އިތުރުން ކަންކަން އިޞްލާޙުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މިއީ އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުންގެ އަބުރު ރައްކާތެރިކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި ހުށަހެޅުނު މުހިންމު ބިލެއް ކަމަށެވެ. މީގެއިތުރުން، ވަކި މީހަކަށް ޢަމާޒުކޮށްގެން ދޮގު މަޢުލޫމާތު އުފެއްދުމާއި ފެތުރުމަކީ އަބުރާ ބެހުން ކަމަށާއި، އެއީ އިސްލާމްދީނުގައިވެސް ކަނޑައެޅިގެން ނަހީކުރައްވާފައިވާ ބޮޑު ފާފައެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މުޖުތަމަޢުގެ ބަދަހިކަން ދެމެހެއްޓުމަށްޓަކައި އެކަކު އަނެކަކުގެ ޙައްޤުތަކާއި އަބުރު ޙިމާޔަތްކުރުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.