އިސްރާއީލު މީހުން ރާއްޖެ ނާދެވޭގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ތެރެއިން، އެ މީހުން ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވޭނެ ގޮތެއް އޮތްތޯ އިދިކޮޅު އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިމިގްރޭޝަންގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ. މި ބިލުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރުން ހުށަހެޅި ބިލުން އިސްރާއީލު މީހުން ރާއްޖެ އައުން ނުހުއްޓުވޭ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
އިދިކޮޅު މެންބަރުންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން އިމިގްރޭޝަން ގާނޫނު ހަރުދަނާކުރުމަކީ ގައުމެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ކުރީގެ ގާނޫނަށް އެކި ދުވަސްވަރު ގެނެސްފައިވާ ކުދިކުދި އިސްލާހުތަކުގެ ސަބަބުން އެ ގާނޫނު މިހާރު އޮތީ "ވާނުވާ ނޭނގޭ" ހާލަތެއްގައި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ވަގުތަށް އެންމެ މުހިންމީ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެނައުމުގެ ބަދަލުގައި، ޒަމާނާ އެކަށޭނަ މުޅިން އާ ގާނޫނެއް އެކުލަވައިލުން ކަމަށް ފަލާހު ވިދާޅުވިއެވެ.
ނަމަވެސް، މަޖިލީހުގެ ތަޅުމުގައި އިދިކޮޅު ފަރާތްތަކުން ދެއްކެވި ވާހަކަތަކަށް ބަލާއިރު، އެ ބޭފުޅުންގެ ވިސްނުން ހުރީ އިސްރާއީލު މީހުން ރާއްޖެ އެތެރެވުމަށް ކޮންމެވެސް ގޮތަކުން ދޮރެއް ހުޅުވައިދޭފަދަ ގޮތަކަށް ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ނުހައްގުން އަނިޔާކޮށް ގެދޮރު ސުންނާފަތިކުރަމުން ދިޔަ ވަގުތު، އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށްދިނުމަށް ދިވެހި ލޮބުވެތި ރައްޔިތުންނާއި ދީނީ އިލްމުވެރިން އަޑުއުފުލައި ތަކުރާރުކޮށް އެދެމުން ދިޔައިރު ވެސް، އެ މަސައްކަތް ކުރުމުގެ ފުރުސަތު އޮވެ އެކަން ކޮށްފައި ނުވާ ކަމަށެވެ. އަދި މިއަދު ސަރުކާރުން އެކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމުމުން، އެކަމަށް ހުރަސްއެޅޭނެ ގޮތްތައް ހޯދަން އިދިކޮޅުން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.